އިންޑިއާ ސަރުކާރުގެ އެހީއާއެކު އައްޑޫ ސިޓީ، މަރަދޫގައި ކުރިއަށްގެންދާ ދެ މަޝްރޫއެއްގެ ބިން ރަސްމީކޮށް ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީން ބިން ޙަވާލުކޮށްފައިވަނީ މަރަދޫގައި އެޅުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ޕްލާންޓް އެޅުމަށާއި މަރަދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އީކޯ ޓުއަރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމުގެ މަސައްކަތަށެވެ.
ބުރާސްފަތި ދުވަހު މިދެމަޝްރޫއުގެ ބިން ހަވާލުކޮށްދެއްވީ އައްޑޫސިޓީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްއެވެ.
މަރަދޫގައި އެޅުމަށް ހަމަޖެހިފައިވާ ގޭދޮށު މަސްޕްލާންޓް އެޅުމަށް މަރަދޫ ބަނދަރު ސަރަހައްދުން 31،167 އަކަފޫޓުގެ ބިމެއް މަޝްރޫއު ހިންގުމާއި ހަވާލުވި ޓްރައިޑެންޓް ކުންފުންޏާ ވަނީ ހަވާލު ކޮށްފައެވެ.
މި މަޝްރޫއަށް އިންޑިއާއިން 6 މިލިއަން ރުފިޔާ ޙަރަދު ކުރާއިރު، ޓްރައިޑެންޓު ކުންފުނިން 22 މިލިއަން ރުފިޔާ އިންވެސްޓު ކުރުމަށް ވަނީ ނިންމާފައެވެ. މިއެއްބަސްވުމުގެ ދަށުން އެކުންފުނިން 9 މަސް ދުވަހުގެ ތެރޭގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި، މަސައްކަތް ފަށަން ޖެހެއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ.
މަރަދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އީކޯ ޓުއަރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމުގެ މަސައްކަތުގެ ދަށުން 0.33 ހެކްޓަރުގެ ބިން ލޭންޑްސްކޭޕް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އައިރިން ޕްރައިވެޓް ލިމިޓެޑާއެވެ.
މަރަދޫ ޓުއަރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމުގެ މަޝްރޫއަކީ 3.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 70 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އެ ކުންފުންޏާ މިމަސައްކަތް ހަވާލު ކުރެވުނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައެވެ.
މަރަދޫގައި ހިންގާ މިދެ މަޝްރޫއުގެ އިތުރުން، އިންޑިއާގެ އެހީގައި އައްޑޫގެ އިތުރު 4 ސަރަހައްދެއްގައި ޓުއަރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމާއި، ހިތަދޫ އަދި ހުޅުމީދޫގައި ގޭދޮށު މަސްޕްލާންޓު ޤާއިމު ކުރަން ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދެވެނީ، އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓްގެ ދަށުން ރާއްޖޭއަށް ދީފައިވާ 5.5 މިލިއަން ޑޮލަރުގެ އެހީގެ ދަށުންނެވެ.