ޚަބަރު

މަޢާފަށް އެދުމަށް އަންގައި، ބްރޯޑްކޮމްގެ ވަރުގަދަ އިންޒާރެއް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް


ޕްރޮގްރާމެއްގެ ތެރެއިން ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި މަޢާފަށް އެދުމަށް އަންގައި، ބްރޯޑްކާސްޓްކުރުމުގެ އުޞޫލުތަކާއި ތަކުރާރުކޮށް ޚިލާފުވަމުންދާތީ ޤަވާއިދާއި ޚިލާފުވެއްޖެނަމަ، ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ބްރޯޑްކާސްޓިންގ ކޮމިޝަނުން ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށްދީފިއެވެ.

ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލިމައްސަލައިގައި ހުށައެޅުނު ޝަކުވާ ބްރޯޑްކޮމްއިން ނިންމި ގޮތުގެ ބަޔާނުގައިވަނީ
މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ "ޗެނަލް 13"އިން މިމަހުގެ 3 ވަނަ ދުވަހުގެ 13:00 އިން 13:09 އަށް ބްރޯޑްކާސްޓްކުރި “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގެ މުޅި ކޮންޓެންޓަށް ނަޒަރުކުރުމުން "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށްވެސް، ވާހަކައަކީ، އިބްރާހީމް މުހައްމަދު ސާލިހް ގައިގައި އަލިފާން ޖަހަން" މިގޮތަށް ގޮވާލާ ދައްކާފައިވާ ވާހަކަ ހިމެނޭ ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އުޞޫލުތަކާއި ހަމަތަކާއި ޚިލާފް ކޮންޓެންޓެއްކަމަށް އެ ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވެފައިވާކަމަށެވެ.

އެހެންކަމުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި އެ ބަޔާން 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، “ރައްޔިތުންގެ އަޑު” ޕްރޮގްރާމް ފެށުމުގެ ކުރިންނާއި 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، 20:00 އިން 21:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން ޢާންމުކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގާފައެވެ.

އަދި މިއީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އުޞޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން ޚިލާފުވާ ފުރަތަމަ ފަހަރުކަމުގައިވީނަމަވެސް، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ތަކުރާރުކޮށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވަމުންދާދިއުމާއި މި މައްސަލައިގެ ޚައްޞާޞްކަމަށް ބަލައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ނުވަތަ ކަމާގުޅޭ ޤަވާއިދަކާ ޚިލާފުވެއްޖެނަމަ، އެ މައްސަލައިގެ ޒާތަށާއި، ޚައްޞާސްކަމަށް ބަލައި ޤާނޫނާއި ގަވާއިދުގެ އިމުތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެކޮމިޝަނުންވަނީ ދީފައެވެ.

މި މައްސަލައާ ގުޅިގެން މުސްތަޤިއްލު ތަޙްޤީޤެއް ކުރުމުގައި، ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދެވުނުކަން ބްރޯޑްކޮމްއިން ވަނީ ފާހަޤަކުރައްވާފައެވެ.

ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސްވަނީ ޖަހާފައެެވެ. 47 އަހަރުގެ އެމީހާގެ މައްސަލަ ފުލުހުންދަނީ ތަޙްޤީގުކުރަމުންނެެވެ.