ޚަބަރު

މަރުޙޫމް ޙުސައިން މުޙައްމަދުގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ވަޙީދު ސޮއިކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ޓީވީމޯލްޑިވްސްގެ ކުރީގެ އިސްވެރިޔާ އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ތަޢުޒިޔާގެ ދަފުތަރުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން ސޮއިކުރައްވައިފިއެވެ.

ޓީވީއެމްގައި ހުޅުވާފައިވާ މަރުހޫމް ޙުސެއިން މުޙައްމަދުގެ ތަޢުޒީޔާގެ ދަފްތަރުގައި ރައީސް ވަޙީދު ސޮއިކުރައްވާފައި ވާއިރު، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ އިތުރުން ބައެއް ވަޒީރުންވެސް ވަނީ މި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވުމުގެ އިތުރަށް މަރްޙޫމް ޙުސައިން މުޙައްމަދަކީ ރާއްޖޭގެ މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާއަށްވެސް ގިނަ ދުވްސްތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ޓެލެވިޜަން މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ކަމުގެ މަޤާމާއި ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ޙުސައިން މުޙައްމަދު ވަނީ ފުރުއްވާފައި ވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެއަޑަށާއި، އާފަތިސް ނޫހުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ބޭރުދުނިޔޭގެ ޚަބަރުތައްވެސް އެމަނިކުފާނު ލިޔުއްވާފައި ވެއެވެ.