ކުޅިވަރު

ވިސްނުން ހުރީ މެޗަކަށް ފަހު މެޗެއް ކާމިޔާބުކުރުން: ނޫނޯ


އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ޓީމު ތައްޔާރުވާނީ މެޗަކަށްފަހު މެޗަކަށް ކަމަށް އެޓީމުގެ ނޫނޯ އެސްޕަރީޓޯ ސަންޓޯ ބުނެފިއެވެ.

ޝެފީލްޑް ޔުނައިޓެޑު މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ވުލްވްސްގެ ކޯޗު ނޫނޯ ބުނީ ރަނގަޅު ޕްރީ ސީޒަނެއް ނެތި ލީގަށް ނުކުމެ ފެށުން ރަނގަޅު ކުރެވިއްޖެކަމަށެވެ. ނޫނޯ ބުނީ މިފެންނަނީ ކުލަބުގެ ސްކޮޑް ވަރުގަދަކަންކަމަށާއި، ކުލަބާއި ކުޅުންތެރިންނާ އޮންނަ ގުޅުންވެސް ރަނގަޅުވެގެން ހިނގައްޖެކަމަށް ހުސްވި ސީޒަން ހަވަނައިގައި ނިންމާލި ކޯޗު ބުންޏެވެ.

ނޫނޯ ބުނީ މިއީ ކުލަބުގެ ވެރިންނާ އެނާވެސް ކުލަބު ހިންގަން ބޭނުންވާ ގޮތްކަމަށާއި މި އަޒުމުގައި ކުލަބު ދާނީ އަބަދުވެސް ކުރިޔަށްކަމަށެވެ. މެޗުގެ ކުރިން ނޫނޯ ވަނީ ކުލަބާއެކު ހަދާފައިވާ އެއްބަސްވުންއާކޮށް 2023ގެ ނިޔަލަށް މަޑުކުރަން ނިންމާފައެވެ. ކުލަބާއެކު ހޭދަކުރި ފާއިތުވި ތިން ސީޒަނަކީ ކާމިޔާބު ތިން ސީޒަންކަމަށް ހުސްވި ސީޒަންގައި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ޓީމުގެ ކޯޗު ބުންޏެވެ. ވުލްވްސްގެ ކޯޗު ބުނީ ވިސްނުން ހުރީ މެޗަކަށްފަހު މެޗެއްގައި ކުރިޔަށްދިޔުން ކަމަށާއި ދެން ތައްޔާރުވާނީ ލީގު ކަޕުގައި ވާދަކުރަން އޮތް ސްޓޯކް ސިޓީގެ މެޗަށް ކަމަށެވެ.