ޚަބަރު

ސަރުކާރުން މަސައްކަތްކުރަނީ ޑިމޮކްރަސީ ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރަން: ރައީސް


ކޯވިޑް-19ގެ މި ދަތި ދަނޑިވަޅުގައިވެސް ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި ވަނީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރުގެ ޑިމޮކްރަސީ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ އަނދިރިކަން މުޅި ދުނިޔެއަށް ފެތުރި، ޤައުމުތަކުގެ ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް، މުޅިންހެން ހުއްޓިފައިވާ ދުވަސްވަރެއްގައިކަމަަށެވެ.

މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި، ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން، ދިވެހި ދައުލަތުގެ އެންމެހައި ގުނަންތައް، އެއް ހަށިގަނޑެއް ފަދައިން މަސައްކަތް ކުރުމަކީ، ޤައުމުގެ މަޞްލަޙަތަށްޓަކައި ނުހަނު ބޭނުންތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއާއެކު ފަރުދީ ފެންވަރުގަޔާއި ޖަމާޢަތުގެ ފެންވަރުގައި، ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ޑިމޮކްރަސީ ޤާއިމުވެފައިވާ ދައުލަތެއްގައި، ރައްޔިތުންނަށް ވަރަށް ގިނަ ޙައްޤުތަކެއް ލިބިގެންވާއިރު، އެ ޙައްޤުތަކާއެކު، ރައްޔިތުންގެ ކޮނޑުގައި ވަރަށް މަތިވެރި ޒިންމާތަކެއްވެސް އެޅިގެންދާކަމަށާއި ހަމައެފަދައިން، ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި، ދައުލަތުގެ މުވައްޒަފުންގެ ކޮނޑުގައިވެސް، މަސްއޫލިއްޔަތުތަކެއް އެޅިގެންދާކަން ގަބޫލުކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޑިމޮކްރަސީން ކަށަވަރުކޮށްދޭ ކިތަންމެ ޙައްޤެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއް މެދުވެރިވެފައި ވީނަމަވެސް، މި ޙާލަތުގައިވެސް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުން މި އަންނަނީ، ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.

"އެންމެ އިސް ޙައްޤު ކަމުގައިވާ، ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމުގެ ޙައްޤަށް އުނިކަމެއް އަޔަނުދިނުމަކީ، މި ޙާލަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތެވެ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި ޑިމޮކްރަސީގެ ފުރިހަމަ މަންފާ އަލުން އަނބުރާ ހޯދުމަށްޓަކައި، އެންމެން ގަދައަޅައި މަސައްކަތް ކުރަންވީ، ކޯވިޑް-19ގެ ނުރައްކަލުން ވީއެންމެ އަވަހަކަށް މިންޖުވުމަށްކަމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ޒިންމާގެ ދައުރު ފުޅާކޮށް، އިޖުތިމާޢީ ގައިދުރުކަމަށް އިސްކަން ދިނުމަކީ މިއަދު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކަންކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދަށް ދިރުން ގެނައުމަށްޓަކައިވެސް، ކޯވިޑް-19އާ ދެކޮޅަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށް ޚާއްޞަ ސަމާލުކަން ދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައި އަދި މިއީ މިއަދު މުޅި ދިވެހި އުންމަތުގެ އާދޭސް ކަމަށާއި އެންމެންގެ މަޞްލަޙަތާއި އެންމެންގެ ލާބަ ހުރިގޮތްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.