ޚަބަރު

އެމްޑީއެންއާ ދެކޮޅަށް ހިންގި ހަރާކާތުގައި ބައިވެރިވި ހުޅުދުއްފާރު އިސް މެޖިސްޓްރޭޓަށް ފިޔަވަޅުއަޅަން ޖޭއެސްސީން ނިންމައިފި


އެމްޑީއެންއާ ދެކޮޅަށް ރ. ހުޅުދުއްފާރުގައި ބޭއްވި ހަރަކާތުގައި ބައިވެރިވުމުން ހުޅުދުއްފާރު ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާއާ މެދު ފިޔަވަޅުއަޅަން ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް "އެމް.ޑީ.އެން"އިން ނެރެފައިވާ ރިޕޯޓަކާ ގުޅިގެން އެ ރިޕޯޓް ނެރުނު ޖަމްޢިއްޔާއާއި އެރިޕޯޓު ތައްޔާރު ކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މިދިޔަ އޮކްޓޫބަރު މަހުގެ ފަނަވަނަ ދުވަހު ރ. ހުޅުދުއްފާރުގައި ބޭއްވި ހަރަކާތުގައި ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާ ބައިވެރިވެފައިވާކަން ސާބިތުވެފައިވާކަމަށެވެ.

އެހެންކަމުން އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފުވެފައިވާކަމަށް ޖޭއެސްސީންވަނީ ކަނޑައަޅާފައެވެ.

އަދި، މައްސަލައިގެ ތަޙްޤީޤުގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް، އިސްމެޖިސްޓްރޭޓް ޢަލީ މުސްޠަފާއާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާއަށް ނަސޭހަތް ދިނުމާއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމުން ނިންމާފައިވާކަމަށް އެކޮމިޝަނުންވަނީ ބުނެފައެވެ.