ޚަބަރު

ކެއުން ފޯރުކޮށްދޭން ޚަރަދުކުރި 9.8 މިލިއަނަށްވުރެގިނަ ރުފިޔާއަށް ކާބޯތަކެތި ލިބުނުކަމެއް ނޭނގޭ: އޮޑިޓް ރިޕޯޓް


ކޯވިޑް-19އާ ގުޅިގެން ޖޫން މަހުގެ ނިޔަލަށް ފެސިލިޓީތަކަށް ކެއުން ފޯރުކޮށްދިނުމަށް ދައްކާފައިވާ ފައިސާގެ ތެރެއިން 9.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވަނީ ލިބުނު ޚިދުމަތަށްކަން ކަށަވަރުކުރެވިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރުގެ ފުރަތަމަ 2 ކުއާޓާގައި ކުރި ޚަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ ކަންކަން ބެލުމަށްފަހު އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ އެ ޢިދާރާގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 30 ޖޫން 2020 ގެ ނިޔަލަށް ކެއުމުގެ ޚިދުމަތަށް ދައްކާފައިވާ ފައިސާގެ ތެރެއިން 9,806,724 (ނުވަ މިލިއަން އަށް ސަތޭކަ ހަ ހާސް ހަތް ސަތޭކަ ސައުވީސް) ރުފިޔާ ޚަރަދުކޮށްފައިވަނީ ހަގީގަތުގައިވެސް ލިބުނު ޚިދުމަތަށްކަން ކަށަވަރުކުރެވިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ކޯވިޑް-19ގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (ދަރުބާރުގެ) އަށާއި، ބައެއް އައިސޮލޭޝަން ފެސިލިޓީތަކާއި އަދި ބިދޭސީން ވަގުތީ ގޮތުން ބަހައްޓާފައި ތިބި ފެސިލިޓީތަކަށް ކެއުންބުއިމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް އެން.ޑީ.އެމް.އޭ އިން ޙަވާލުކުރި ފަރާތް ތަކާއިއެކު ހަދާފައިވާ އެއްބަސްވުން ތަކުގައި ފައިސާ ދައްކަންޖެހޭނީ ކޮންމެ ދުވަހެއްގެ ކެއުމުގެ ކޮންމެ ވަގުތަކަށް އޯޑަރު ކުރާ މީހުންގެ އަދަދަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ރޭޓަށެވެ.

އެހެން ނަމަވެސް، އއ. ވެލިދޫ ގައި ހިންގާ ކޯވިޑް-19 ގެ ކަރަންޓީނު ފެސިލިޓީއާ ގުޅިފަޅުގައި ހިންގާ ކޮވިޑް-19 ގެ ކަރަންޓީނު ސެންޓަރު ފިޔަވައި ދެން ހުރި ފެސިލިޓީތަކުން ކެއުމުގެ ޚިދުމަތަށް އެދި އޯޑަރު ކުރީ ކިތައް މީހުންނަށްކަން އެނގޭނެ ގޮތަކަށް ލިޔެކިޔުން ބަލަހައްޓާފައި ނުވާކަން އޮޑޮިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ލިޔެ ކިޔުމުން މައުލޫމާތު ބަލަހައްޓާފައި ނެތުމުން، ބިލުކޮށްފައިވަނީ އެ ދުވަހަކު އެ ފެސިލިޓީއެއްގައި ތިބި މީހުންގެ އަދަދަށްކަން ކަށަވަރުކުރެވެން ނެތްކަމަށާއި، އަދި ކެއުމުގެ ކޮންމެ ވަގުތަކަށް ބިލުކޮށްފައިވާ އަދަދުތަކުގައި ތަފާތުތައް ހުރުމުން، އޯޑަރުކުރި އަދަދާއި އޮކިއުޕެންސީ މައުލޫމާތު ފުރިހަމައަށް ލިޔެކިޔުމުން ބެލެހެއްޓުން މުހިންމުކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައެވެ.

މިފަދަ ޙާލަތްތަކުގައިވެސް ދައުލަތުގެ މާލީ ކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކުރުމާއި އެ ފައިސާއިން ކުރެވޭ ޚަރަދުތައް ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ހިންގައި ބެލެހެއްޓުމަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެފަރާތްތަކުގެ ޒިންމާއެކަމަށް އޮޑިޓަރ ޖެނަރަލް ފާހަގަކުރެއްވިއެވެ.

އަދި ކެއުން ބުއިމަށް ކުރި އޯޑަރުތައް ލިޔެކިޔުމުން ފެންނަން ނެތުމާއި ބިލުތަކަށް ފައިސާ ދެއްކުމުގެ ކުރިން، ފައިސާ ދެއްކެނީ ލިބިފައިވާ ޚިދުމަތަށްކަން ކަށަވަރު ކޮށްފައި ނުވުމުން އެ ކަމުގައި މާލީ ޒިންމާދާރުވެރިޔާ އާއި ފައިސާ ޚަރަދުކުރަން ހުއްދަ ދޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އެކަށީގެންވާގޮތެއްގައި އަދާކޮށްފައިނުވަނީކަމަށް އޮޑިޓް އޮފީހުން ދެކޭކަމަށް އެން.ޑީ.އެމް.އޭގެ އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މިއޮޑިޓް ރިޕޯޓުގައިވަބީ ހިލޭ އެހީގެގޮތުގައި ލިބިފައިވާ ތަކެތީގެ ސްޓޮކް ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައިނުވުމާިއ، ަ
ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމްކުރުންމުގެ އިތުރުން ޤަވާއިދާ އެއްގޮތަށް ހަރުމުދަލާއި ހަރުމުދަލުގެ ރެކޯޑުތައް ބަލަހައްޓާފައިނުވުމާއި، ބާޒާރުގައި މުދާ ލިބެންހުރި އަގުތަކަށްވުރެ ބޮޑު އަގުގައި ތަކެތި ގަނެފައިވުނުވުމުގެ އިތުރުން ސަރުކާރުން އަގުުކޮންޓްރޯލު ކޮށްފައިވާ ތަކެތި ބޮޑުުއަގުގައި ގަނެފައިވުންފަދަ ކަންކަން މި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.