ކުޅިވަރު

ބަޔާންގެ ހަތް ކުޅުންތެރިއަކު ޔުއެފާގެ ޓީމު އެވޯޑަށް ވާދަކުރާނެ


ޔުއެފާއިން ހޮވާ އެކި މަގާމްތަކަށް ކުޅޭ އެންމެ މޮޅު ކުންތެރިންނަށް ދޭ އެވޯޑަށް އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ހަތް ކުޅުންތެރިޔަކު ނޮމިނޭޓް ވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގައި 15 ލަނޑު ކާމިޔާބު ކުރި ރޮބާޓް ލެވޮންޑޮސްކީ އެންމެ މޮޅު ފޯވާޑަކަށް ވާދަކުރާއިރު، އޭނާ އާއި ދެންވާދަކުރަނީ ފައިނަލުގައި ކުޅުނު ޕީއެސްޖީގެ ދެ ކުޅުންތެރިން ކަމަށްވާ ކިލިއަން އެމްބާޕޭ އާއި ނޭމާއެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ހަ ކްލީން ޝީޓް ހެދި ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އެންމެ މޮޅު ކީޕަރަށް ވާދަކުރާއިރު އެނާއާއި ދެން ވާދަކުރަނީ ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް އާއި އެތުލެޓިކޯ މެޑްރިޑްގެ ޖޭން އޮބްލެކްއެވެ.

އެންމެ މޮޅު ޑިފެންޑަރުންނަށް ވާދަކުރަނީ ބަޔާންގެ ތިން ކުޅުންތެރިންނެވެ. އެއީ ޑޭވިޑް އަލްބާ، އަލްފަންޒޯ ޑޭވިސްގެ އިތުރުން ޖޯޝުއާ ކިމިޗްއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ތިއާގޯ އަލްކަންޓާރާއި ތޯމަސް މުލާ ވާދަކުރާއިރު މި ދެކުޅުންތެރިންނާ ދެން ވާދަކުރަނީ މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޫނޭވެ.

މި ކުޅުންތެރިން ހޮވާފައިވަނީ މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ކޯޗުންނާއި ޔޫރަޕިއަން ސްޕޯޓްސް މީޑިޔާ ގުރޫޕްގައި ހިމެނޭ ޖާނަލިސްޓުންގެ ވޯޓުންނެވެ. މި ވޯޓުގައި އެއްވެސް ޓީމެއްގެ ކޯޗަކަށް އެޓީމުގެ ކުޅުންތެރިންނަށް ވޯޓެއް ނުލެވޭނެއެވެ. ކޮންމެ މަގާމެއްގެ ވެސް އެވޯޑް ލިބޭނީ އެންމެގިނަ ވޯޓް ލިބޭ ކުޅުންތެރިޔާއަށެވެ. އެވޯޑް ހަވާލުކުރުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އޮންނަ މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ.