ކުޅިވަރު

ނޭމާ އާއި ކުޓީނިއޯ ބްރެޒިލް ސްކޮޑުގައި ހިމަނައިފި


އަންނަ މަހު އޮންނަ ދެކުނު އެމެރިކާގެ ވަރލްޑް ކަޕް ކޮލިފައިންގެ ބްރެޒިލް ކުޅޭ ދެ މެޗަށް ޕީއެސްޖީގެ ނޭމާ އާއި ބާސެލޯނާގެ ފިލްޕް ކުޓީނިއޯ ބްރެޒިލްގެ ސްކޮޑުގައި ހިމަނައިފިއެވެ.

ފީފާއިން އިޢުލާންކޮށްފައިވާ ގޮތުގައި ދެކުނު އެމެރިކާއަށް ނިސްބަތްވާ ޔޫރަޕުގައި ކުޅޭ ކުޅުންތެރިންނަށް ވަރލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ބައިވެރުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. ކުރިން މާޗު މަހު ބާއްވަން މަސައްކަތްކުރި ކޮލިފައިން ބުރުގެ މެޗުތައް އަންނަމަހަށް ފަސްކުރީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުންނެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވާގޮތުން ފީފާގެ އެންގުމާ އެއްގޮތަށް ގައުމީ ޓީމާ ގުޅޭ އެއްވެސް ކުޅިންތެރިއަކު ކަރަންޓީންވާކަށް ނުޖެހޭނެއެވެ. ހުކުރު ދުވަހު އިޢުލާންކުރި ސްކޮޑުގައި މި ދެ ކުޅުންތެރިން ހިމަނާފައިވާއިރު ކޮލިފައިންގެ ފުރަތަމަ މެޗުގައި ބްރެޒިލް ނުކުންނާނީ ބޮލީވިޔާ ދެކޮޅަށެވެ. އަދި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ބްރެޒިލް ރަށުން ބޭރުގައި ޕެރޫއާ ދެކޮޅަށް ނުކުންނާނެއެވެ.