ޚަބަރު

ރަށްރަށުގައި ތިބެގެން ކޯސްތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ގުޅުންހުރި ޢިދާރާތަކުގައި ނައިބުރައީސް އެދިވަޑައިގެންފި


ރަށްރަށުގައި ތިބެގެން ތަމްރީނުތަކާއި ކޯސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކަމާއިގުޅޭ ވުޒާރާތަކާއި، ޤައުމީ ޔުނިވަރސިޓީއާއި، އަދި އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްކޮށް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދުވަނީ ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި ތަމްރީނުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމުގައި ވިދާޅުވިއެވެ.

މި ގޮތުން، ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް ތަމްރީނުކުރުމަށް އިސްކަންދިނުމަށާއި، ރަށްރަށުގައި ތިބެގެން ތަމްރީނުތަކާއި ކޯސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކަމާއިގުޅޭ ވުޒާރާތަކާއި، ޤައުމީ ޔުނިވަރސިޓީއާއި، އަދި އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްކޮށް ކޮށްދެއްވުމަށާއި ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާ ފަދަ މަތީ ފަންތީގެ މަޤާމުތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް މަދުކަމުގައި ފާހަގަކުރެވޭ ދާއިރާތަކުން އިތުރު ދިވެހިން ތަމްރީނުކުރުމަށް ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، އެ ބޭފުޅުންގެ ވުޒާރާތަކާއި ގުޅޭ ދާއިރާތަކުން މީހުން ތަމްރީނުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންކަން ފާހަގަކުރައްވާފައެވެ. އަދި، ތަމްރީނުވެފައިވާ މީހުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ވަޒީރުން ޚިޔާލުފާޅުކުރައްވައި، މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ވަނީ، ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މިހާރު ބިނާކުރުމަށް ކުރިއަށްގެންދާ ކޯސްތަކާއި ގުޅޭ މަޢުލޫމާތާއި އަދި މިހާރު ރާއްޖެއަށް އެންމެ ބޭނުންވާ ގޮތްތަކަށް ކޯސްތައް ފަރުމާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލުތައް ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުޞްޠަފާ ލުޠުފީއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމްގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.