ޚަބަރު

މިހާތަނަށް އެެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވާތީ ގދ.މަޑަވެލި މޮނިޓަރިންގެ ހާލަތުން ނަގައިފި


މާލެ ފިޔަވައި އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ގދ.ހޯނޑެއްދުއާ ކޯޒްވޭއަކުން ގުޅާލާފައިވާ އެއަތޮޅު މަޑަވެލި މޮނިޓަރިންގެ ޙާލަތުން ނަގައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ހޯނޑެއްދޫ އެކަނިކަމަށެވެ.

ހޯނޑެއްދޫން މިދިޔަ ހޮނިހިރުދުވަހު 11 ކޮންޓެކްޓެއްގެ ސާމްޕަލް ނެގިއިރު އެއެންމެންގެ ނަތީޖާވެސް ނެގެޓިވްވެފައިވާކަމަށާއި އިއްޔެ ރެންޑަމް ސާމްޕަލްގެ ގޮތުގައި މަޑަވެލިން ނެގި 51 ރެންޑަމް ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވްވެފައިވާތީ މަޑަވެލި މޮނިޓަރިންނުން ނަގާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މަޑަވެލިން 51 ސާމްޕަލް ނަގައި އެތަކެތި މާލެގެނެސް މިއަދު ޓެސްޓްކޮށްފައިވާއިރު އެއްވެސް ސާމްޕަލްއެއް ޕަޮޒިޓިވްވެފައިނުވޭ. އެހެންވީމަ މިނަތީޖާއަށްބަލައި މިރޭ މިވަނީ މޮނިޓަރިންގއިން ރިލީޒްކުރެވިފައި" ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ހޯނޑެއްދޫއާ މަޑަވެލިން ބަލީގެ އަލާމާތްތައް ހުރި އެންމެންކަހަލަގޮތަކަށް ޓެސްޓްކޮށްފައިވާއިރު ހޯނޑެއްދޫގެ ކޭސްތަކާ ގުޅިގެން މަޑަވެލިން ނެގި އެއްވެސް ސާމްޕަލެއް މިހާތަނަށް ޕޮޒިޓިވްވެފައިނުވާކަމަށެވެ. ހޯނޑެއްދޫން މިހާތަނަށް ފެނުނު ހުރިހާ ކޭސްތަކަކީވެސް އެއް ކްލަސްޓާއެއްކަމަށާއި އަދިވެސް ނިންމާފައިވަނީ ލޯކަލް ޓްރާންސްމިޝަނެއްގޮތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ހޯނޑެއްދޫގައި ހޯމް ކަރަންޓީންގައި ތިބި ބަޔަކާއި ކޮންޓެކްޓްވެގެން ގިނަ އަދަދެއްގެ ބަޔަކު އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އެރަށުގެ ހާލަތު އަދިވެސް ބަލައި މޮނިޓަރކުރަމުންދާނެކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވިއެވެ.