ސައިކިކްވޯލްޑްގެ އިންސްޓަރގްރާމްކޮށްލަން އެންމެ ކަމުދާ މަންޒިލްތަކުގެ ލިސްޓުގެ 2 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.
ޗުއްޓީ ހޭދަކޮށްލަންދާން އެންމެ މަޤްބޫލް މަންޒިލްތަކުގެ ލިސްޓެއް އެކުލަވާލުމަށް ސައިކިކްވޯލްޑު ޑޮޓްކޮމްއިން ވަނީ ފޮޓޯ ހިއްސާކުރުމަށް މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓުފޯމް އިންސްޓަރގްރާމްގައި އެންމެ ގިނަ އަދަދަކަށް ބޭނުންކޮށްފައިވާ މަންޒިލްތަކުގެ ހޭޝްޓެގުތަކުގެ މައުލޫމާތުތައް އެއްކޮށްފައެވެ.
މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިސްޓުގެ ދެވަނަ ރާއްޖެއަށް ލިބިފައިވާއިރު، ރާއްޖޭގެ ނަން ހިމެނޭ ހޭޝްޓެގު 8.3 މިލިއަން ފަހަރު އިންސްޓަރގުރާމްގައި ބޭނުންކޮށްފައިވެއެވެ. މި ލިސްޓުގެ އެއްވަނައަށް ހޮވިފައިވަނީ ތައިލެންޑުގެ ޕުކެޓެވެ. ޕުކެޓުގެ ހޭޝްޓެގު 9.7 މިލިއަން ފަހަރު އިންސްޓަރގުރާމުގައި ބޭނުންކޮށްފައިވެއެވެ.
މި ލިސްޓުގައި ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއާއި ވާދަވެރި މަންޒިލްތައް ކަމަށްވާ ބާލީ އާއި ބޯރާ ބޯރާ ފަދަ މަންޒިލްތައްވެސް ހިމެނެއެވެ.
ފަތުރުވެރިންގެ މެދުގައި ހަދާ މިފަދަ ދިރާސާތަކުގެ ކުރީގައި ރާއްޖެ ހިމެނިގެން ދިޔުމަކީ އާއްމުކަމެކެވެ. އެގޮތުން ދާދިފަހުން އިނގިރޭސިވިލާތުގެ ޓްރެވަލް އިންޝުއަރަންސް ކުންފުންޏެއްކަމަށްވާ "މެޑިކަލް ޓްރެވަލް ކޮންޕެއަޑް"އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ރާއްޖެއަކީ އެންމެ ގިނައިން އިނގިރޭސި ފަތުރުވެރިން ގޫގުލް މެދުވެރިކޮށް ހޯދާފައިވާ މަންޒިލެވެ. މިދިރާސާއިން ދައްކާގޮތުން ރާއްޖެއަކީ އެންމެ ގިނަ އިނގިރޭސި ފަތުރުވެރިން މިއަހަރާއި އަންނަ އަހަރުވެސް ޒިޔާރަތްކުރަން ބޭނުންވާ ޤައުމެވެ.