ވިޔަފާރި

ކުރިން ބުނީ ނުވާނެއޭ... މިހާރު މިއީ ދުނިޔޭގެ އެއްވަނަ


ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވެގެން ދިޔައިރު އެ ސިނާއަތް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގިދާނެ ކަމާމެދެ އޮތީ ސުވާލު އުފެދިފައިއެވެ. ޔުނައިޓެޑް ނޭޝަންސް ނުވަތަ އދގެ ފަރާތުން 1960ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުންވެސް ފާހަގަކުރީ ރާއްޖެއަކީ ފަތުރުވެރިކަން ފެށުމަށް އެކަށީގެންވާ މަންޒިލެއް ނޫންކަމެވެ. އެ ވަފްދުން ބުނީ ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައިގެން ދާނެކަމަށް ޤަބޫލުނުކުރާކަމަށާއި ރާއްޖޭގެ ޖަޒީރާ ރަށްތަކަކީ ފަތުރުވެރިކަމަށް އެކަށީގެންވާ ރަށްތަކެއް ނޫންކަމަށެވެ.

އދގެ ވަފުދުން ރާއްޖޭގައި ފަތުރުވެރިކަން ނުހިންގޭނެކަމަށް ބުންޏަސް ދިވެހިން ތިބީ އެހާހިސާބުން އެމަސައްކަތް ހުއްޓާލާ ގޮތަކަށް ނޫނެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ފެށުމަށް ބަޔަކު ދެކެމުންދިޔަ ހުވަފެން ހަޤީޤަތަށް ވެގެންދިޔައީ، 1971 ވަނަ އަހަރު އިޓަލީ ވިލާތުގެ ރައްޔިތެއްކަމަށްވާ ޖޯޖު ކޯބިން ރާއްޖެއަށް ކުރި ޒިޔާރަތުންނެވެ. ކެރަފާ އަހުމަދު ނަސީމްގެ ދައުވަތަކަށް ކަނޑުމަގުން ކުރި ދަތުރަކަށްފަހު ކޯބިން ރާއްޖެއަށް ޒިޔާރަތްކުރީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލާ، ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރެވިދާނެތޯ ބެލުމަށެވެ.

ކޯބިން ރާއްޖެއިން ފުރައިގެން ދިޔައީ ހިތުން ނުފިލާފަދަ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރުމަށްފަހުއެވެ. އެނބުރި ޤައުމަށްގޮސް ރާއްޖެއާބެހޭ ލިޔުންތައް ޝާއިޢުކުރިއެވެ. އަދި ރާއްޖޭގައި ކުރި ތަޖުރިބާއަށް ބިނާކޮށް ފޮތެއްވެސް ނެރުނެވެ.

އޭގެފަހުން 1972 ވަނަ އަހަރު 12 މީހުން ހިމެނޭ އިޓަލީގެ ޓުއަރިސްޓް ގްރޫޕަކާއެކު ކޯބިން ރާއްޖެއަށް ކުރި ދަތުރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމެވެ. މިއީ ފަތުރުވެރިންގެ ގޮތުގައި ބަޔަކު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. ޖަޒީރާ ޤައުމުތަކަށް ލޯބި ކުރާ ކޯބިންގެ ފުރަތަމަ ދަތުރާއިއެކު އޭނާ ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތްވެސް ފެށިއެވެ.

މިއަދާ ހަމައަށްވެސް ކޯބިން ނިސްބަތްވާ އިޓަލީވިލާތަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ މަންޒިލެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށިފައިވަނީ 1972 ވަނަ އަހަރު ހުޅުވި ކުރުނބާ މޯލްޑިވްސް ރިސޯޓާއި އެކުއެވެ. އެއަށްފަހު ބަންޑޮސް އައިލެންޑު ރިސޯޓު ހުޅުވިގެން ދިޔައެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުޑަގޮތަކަށް ފެށިގެންދިޔަ ނަމަވެސް ފާއިތުވި އަހަރުތަކުގެތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ގިނަ ރިސޯޓުތަކެއް ވަނީ ހުޅުވިގެން ގޮސްފައެވެ. އެތައް ސާފާރީތަކެއް ވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ. ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކާއެކު ލޯކަލް ޓުއަރިޒަމް ވަނީ ފުޅާވެފައެވެ.

ރާއްޖޭގައި މިހާރު ގާތްގަނޑަކަށް 150 އަށްވުރެ ރިސޯޓު ދަނީ ހިންގަމުންނެވެ. ދުނިޔޭގެ ނަން މަޝްހޫރު ބުރޭންޑުތަކުގެ ރިސޯޓުތައް ރާއްޖޭގައި ދަނީ ހިންމުންނެވެ.

ޖަޒީރާ ޤައުމަކަށްވުމުން ފަތުރުވެރިކަން ކުރިއަރައިގެން ނުދާނޭކަމަށް ބަޔަކު ބުންޏަސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެންދިޔަ މައިގަނޑު ސަބަބަކީ ޖާޒީރާ ޤައުމަކަށް ރާއްޖެވުމެވެ. ރާއްޖޭގައި ޖަޒީރާ ރަށްތަކުން ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި ޕްރައިވެސީ ވަރަށް ފުރިހަމައަށް ލިބިގެންދެއެވެ.

ދުނިޔޭގެ އެހެން ހިސާބުތަކުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހިލާފަށް ރާއްޖޭގައި ރިސޯޓުތައް ހިންގަމުން އަންނަނީ، ވަކިން ކޮންމެ ރަށެއްގައި ވަކި ރިސޯޓެއް ހިންގާ ކޮންސެޕްޓަށެވެ. މަތީ ފަންތީގެ ޙިދުމަތް ބޭނުންވާ ފަތުރުވެރިންނަށް މި ކޮންސެޕްޓު ވަރަށް ކަމުދެއެވެ.

ރާއްޖެއަކީ ހަމައެކަނި މުއްސަދިންނަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އޮންނަ ތަނެއްގެ ގޮތުގައި އޮންނަ އޮތުމަށް ގެސްޓުހައުސް އާއި ސަފާރީ ވިޔަފާރިއާއެކު ވަނީ ނިމުމެއް އައިސްފައެވެ.

2009 ވަނަ އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދިނުމާއެކު، ކުޑަ ޚަަރަދެއްކޮށްގެން ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ. އެންމެ އުުތުރުން ފެށިގެން އެންމެ ދެކުނަށް ގެސްޓް ހައުސް ވިޔަފާރި ފުޅާވެ، އޭގެ ސަބަބުން ރަށްރަށުގައި އުޅޭ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ދަނީ ކުރަމުންނެވެ.

މިސަބަބުތަކާ ހުރެ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލްވެސް ފެންނަނީ އުޖާލާކޮށެވެ. އަންނަ އަހަރުވެސް ގިނަ އަދަދެއްގެ އާ ރިސޯޓުތައް ރާއްޖޭގައި ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އިތުރު ރަށްތަކުގައި ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތައް ދަނީ ތަރައްޤީކުރެވެމުންނެވެ. މައިސް ޓުއަރިޒަމް، ސްޕޯޓްސް ޓުއަރިޒަމް އަދި ޑެސްޓިނޭޝަން ޓުއަރިޒަމް ފެށުމަށް ސަރުކާރުން ވަނީ ޕްލޭންތައް ހަދާފައެވެ. ކޯވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުޑަ މަޑުޖެހުމެއް އަޔަސް، ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ.

ފަތުރުވެރިކަން ރާއްޖެއަށް މުހިއްމު ސަބަބަކީ ރާއްޖޭގެ އިޤްތިސާދުގެ މައި ލޭނާރަކީ ފަތުރުވެރިކަމަށްވުމެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ އާމްދަނީއާ ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. އެހެންކަމުން އެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމަކީ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމެކެވެ. އެކަމުގެ ސަބަބުން މުޅި ރާއްޖެއަށް އޭގެ ފައިދާއާއި މަންފާކުރާނެ މަސައްކަތެކެވެ.