ވިޔަފާރި

ބޭރު ފައިސާ ގަނެ ވިއްކާ އުސޫލަށް ބަދަލުތަކެއް ގެންނަނީ


ބޭރު ފައިސާ ގަނެ ވިއްކާ އުސޫލަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާ ގަނެ ވިއްކާ ގޮތުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތްތަކެއް ފަށާފައިމިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓި ޑޮލަރުގެ ރޭޓުތައް ކަޅު ބާޒާރުގައި އުފުލިފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޑޮލަރު ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ގާތްގަނޑަކަށް 4 މަސްދުވަހަށް ބަންދުކުރުމުން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓި ޑޮލަރު ލިބެމުން އައި މަގު ބަންދުވިއެވެ. އެހެން ނަމަވެސް ސަރުކާރުން ދިޔައީ ޑޮލަރުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމުގައި އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ޑޮލަރުގެ ރޭޓުތައް ވަރަށް ބޮޑަށް ދަށަށް ދިޔަތަން ފެނިގެންދިޔަކަމަށެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ އެންމެ ގިނަ އަދަދަކަށް ޑޮލަރު ބޭނުންވަނީ ރާއްޖެއަށް ތަކެތި އިމްޕޯޓުކުރުމަށްކަމަށެވެ. އެހެންނަމަވެސް އިމްޕޯޓަށް ޑޮލަރުން ކުރާ ޙަރަދުވެސް ވަނީ 50 އިންސައްތަ ދަށްވެފައި ކަމަށާއި، އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދުވަނީ އިތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އުޅެނީ އެކްސްޗޭންޖު ރޭޓު މާކެޓް ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

" މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރު އެމްއެމްއޭއާއި ސެންޓުރަލް ބޭންކާއި، އަދި އިޤްތިސާދީ މިނިސްޓްރީތަކާއި އެއްކޮށް ވާހަކަތަކެއް ދައްކަމުން އެބަގެންދަން، ބަދަލުތަކެއް ގެނެސްގެންވެސް، ލީގަލް ފްރޭމްވޯކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެންވެސް އެބަޖެހޭ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކްސްޗޭންޖުރޭޓު މާރުކޭޓު ހިނގާގޮތަށް ރާއްޖޭގައިވެސް އެކަންތައް ބަދަލުކުރުމަށްޓަކައި މަސައްކަތްތައް ކުރުން، އެމަސައްކަތް އަޅުގަނޑުމެން މިހާރު އެބަ ކުރިއަށް ގެންދަން،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގެ ޑޮލަރު ރަސްމީ ރޭޓަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.

ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ބޭރުފައިސާގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިދާއެވެ. ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭއާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ޤާއިމްކޮށްފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު މި ސްވޮޕްގެ މުއްދަތުވެސް މިހާރު ވަނީ އިތުރުކޮށްފައެވެ. އަދި އެމްއެމްއޭއާއި ސަރުކާރާއި ގުޅިގެން ވަނީ އައިއެމްއެފްއާއި ބޭރުގެ އެހެނިހެން މާލީ އިދާރާތަކުންވެސް މާލީ އެހީތެރިކަން ހޯދާފައެވެ.

މުހައްމަދު އިބްރާހިމް

މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރު މަދުވިއަސް ބޭންކުން ދެނީ 7% އެހެންވީމަ މަގުމަތިން ބާކީ 93% ގަންނަން ޖޭހުނީމަ އަގުމައްޗައް ދަނީ، އޭގެ ބަދަލުގަ ގަވާއިދުން ޓެކުސް ދައްކާފަރާތްތަކަށް ބޭންކުން 97% ދީގެން ޓީޓީ ހެދޭނަމަ އަގުބޮޑުނުވާނެ....