ފަޤިރުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްދީފިއެވެ.
މިމުއްދަތު އިތުރުކޮށްދީފައި ވަނީ މާދަމާގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފަޤިރުންގެ ދަފްތަރު ރިވުއު ކުރުމަށް މިދިޔަ ޖުލައިމަހުގައި ހުޅުވާލި ފުރުޞަތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށައެޅުމުގެ އިތުރު ފުރުޞަތެއް ދީފައި ވާކަމަށެވެ.
ފަޤީރުންގެ ލިސްޓް މުރަޖާ ނުކޮށް މިއަހަރުގެ ފިތުރު ޒަކާތް ބަހާފައިވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ފަޤީރުންގެ ދަފްތަރު އާނުކުރަން ނިންމީ، ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ރާއްޖެ ފުރަބަންދުކުރުމުންކަމަށެވެ. މި ލިސްޓް މުރާޖަޢާކުރުމަކީ އެކަމަށް ވަކިޚާއްޞަ އިންތިޒާމްތައް ހަމަޖެހިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކާއެކު ކުރަންޖެހޭ ކަމަކަށް ވެފައި، ފަޤީރުންގެ ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅާ ފޯމާއެކު ވަރަށް ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހޭ މަސައްކަތެއްކަން އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ.
އިސްލާމިކް މިނިސްޓްރީން އެންމެ ފަހު އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށް ބަލާލާއިރު މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ތިބީ 8764 މީހުންނެވެ. އޭގެތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ފަޤީރުންގެ ގޮތުގައި އެބަތިއްބެވެ.