ވިޔަފާރި

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 89.8 މިލިއަން ރުފިޔާ ދޫކޮށްފި


އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 89.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 8648 ( އަށްހާސް ހަސަތޭކަ ސާޅިސް އަށް) ފަރާތަކަށް އިންކަމް ސަޕޯޓު އެލަވަންސް ދީފައިވާ ކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި، މަހަކު 5000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޮގަސްޓްމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށައެޅޭނެއެވެ. އަދި ސެޕްޓެމްބަރުމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި އޮކްޓޯބަރުމަހުގެ ނިޔަލަށް ހުށައެޅޭނެކަމަށް ޖޮބް ސެންޓަރއިން މައުލޫމާތުދެއެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ. ޖޮބް ސެންޓަރގެ ވެބްސައިޓުގައި އިންކަމް ސަޕޯޓު އެލަވަންސް ލިބޭ ފަރާތްތަކުގެ މައުލޫމާތުތައް ދަނީ ހިއްސާކުރަމުންނެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ލިބޭނެއެވެ.

މި އުސޫލުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭނެގޮތްވެސް ސަރުކާރުން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް މީހުން ހިމެނެއެވެ.

ޖޮބް ސެންޓަރއިން މިހާރު ކުރިއަށް މިގެންދަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ 2 ވަނަ ފިޔަވަށްސެވެ. ދެވަނަ ފިޔަވަހީގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައިމަހާއި، އޯގަސްޓްމަހާއި އަދި ސެޕްޓެމްބަރުމަހަށެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން އޭޕްރީލް، މެއި އަދި ޖޫން މަހުވަނީ އިނާޔަތް ދޫކޮށްފައެވެ.