ކުޅިވަރު

މެޗަށް ނުކުންނާނީ އެޓޭކިން ގޭމަކަށް ވިސްނައިގެން: ކޮންޓޭ



އިޓާލިއަން ލީގުގައި މިރޭ މި ސީޒަނަށް އަލަށް ޕްރޮމޯޓްވި ބެންވެންޓޯއާ ދެކޮޅަށް ނުކުންނައިރު އިންޓާ މިލާނުން ޓީމުގެ އެޓޭކް ވަރުގަދަކުރާނެ ކަމަށް ކޯޗު އެންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކުމުން ކޮންޓޭ ބުނީ މި މެޗަކީ އަލަށް ޕްރޮމޯޓްވި ޓީމަކާ ދެކޮޅަށް ކުޅުނަސް ފަސޭހަ މެޗަކަށް ނުވާނެކަމަށެވެ. އަދި މިހިސާބަށް އެޓީމު އައީ ކާމިޔާބު ސީޒަނަކަށް ފަހުކަމަށެވެ. އެހެންކަމުން އަދިވެސް ޓީމުގައި އެ ކާމިޔާބީގެ ރޫހު އޮންނާނެކަމަށް ކޮންޓޭ ބުންޏެވެ.

އެޓީމުގެ ކޯޗު ފިލިޕޯ އިންޒާގީއަކީ އޭނާއެކުގައި ވަރަށް ގިނަ ދުވަހު ކުޅުނު ކުޅުންތެރިއެއްކަމަށް ކޮންޓޭ ބުންޏެވެ. ދެމީހުންނަކީ ވެސް ފުޓްބޯޅައިގަ އެއްގޮތް ކަންތައްތަކެއް ގެންގުޅޭ ދެމީހުން ކަމަށް ކޮންޓޭ ބުންޏެވެ. އެޓީމު އިންޒާގީ ބައްޓަން ކޮށްފައި އޮތްގޮތް އޭނާއަށް ވަރަށް ކަމުދާކަމަށާއި އެޓީމާމެދު އިންޓަރ އިން ސަމާލުވާން ޖެހޭނެކަމަށް އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ހުސްވި ސީޒަނަށް ވުރެ މިސީޒަނުގައި އިންޓަ މިލާން ވަރުގަދަވެއްޖެކަމަށާއި ހުސްވި ސީޒަނުގައި މުހިންމު ދަނޑިވަޅުތަކުގައި ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވިކަމަށެވެ. މި ސީޒަނުގައި އެހެންކަންކަން ނުވެވޭތޯ އޭނާ މަސައްކަތްކުރާނެ ކަމަށް ކޮންޓޭ ބުންޏެވެ.

ލީގުގައި ފުރަތަމަ ފިއޮރެންޓިނާ އަތުން މޮޅުވިޔަސް ރަނގަޅު ކުރަންޖެހޭ ގިނަކަންކަން ފާހަގަކުރެވުނު ކަމަށް އިންޓަރ މިލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ. އެންމެފަހުން ކުޅުނު މެޗުގައި އެޓީމުގެ އެޓޭކް ރަނގަޅުވި ނަމަވެސް ޑިފެންސުން ގިނަ ގޯސްތަކެއް ފާހަގަކުރެވުނު ކަމަށްވެސް ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ ބަޔާން މިއުނިކް އަދި މެންޗެސްޓަރ ސިޓީ ފަދަ ޓީމުތަކުން ގިނަ ލަނޑު ޖަހަނީ އެޓީމުތަކުން ކުޅޭ ވަރުގަދަ އެޓޭކިން ގޭމްތަކުން ކަމަށާއި އެގޮތަށް އިންޓަރ މިލާންނަށް ވެސް ގިނަ ލަނޑުތައް ޖެހޭނެކަމަށެވެ.