ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކޮށްފިއެވެ.
މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެސްޖޭ ކޮންސްޓްރަކްޝަނުން ބުނީ ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އެޅުމަށްޓަކައި ފައުންޑޭޝަން ރިންގު ހަދައި ކަވަރު ބްލޮކްތައް އަޅާފައި ވާކަމަށެވެ. އަދި އެ ކުރެހުން ފާސްކޮށްދޭ ހިސާބުން ފެށިގެން އެމަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށް ގެންދާނެ ކަމުގައި އެކުންފުނިން ބުނެއެވެ.
ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި މަސައްކަތްކުރާ ތަނުގައި މޮބިލައިޒްކުރަން ފަށާފައި ވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އިމާރާތްކުރާ ދަރުމަވަންތަ ސްކޫލުގެ މަސައްކަތްތައް އެސްޖޭ ކުންފުންޏާ ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
1000 ކުދިންގެ ޖާގައިގެ މި ސްކޫލް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާ ގޮތަށް އެ ކުންފުންޏާއި ހަވާލުކުރިނަމަވެސް ކޯވިޑް 19 ގެ ސަބަބުން ސްކޫލްގެ މަސައްކަތް އެއްކޮށް ނިންމާލުން ލަސްވެދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ދަރުމަވަންތަ ސްކޫލުގެ އަައު އިމާރާތުގައި ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެ ގޮތަށް 41 ކްލާސްރޫމް ހަަދަން ވަނީ ނިންމާފައެވެ. 1000 ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެ ގޮތަށް އިމާރާތް ކުރާ މިސްކޫލްގައި ޕްރައިމަރީ އާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީ އެއްވެސް ހުންނާނެއެވެ. މީގެއިތުރުން މަސައްކަތު މީހުންނަށް ޚާއްސަ ޖަގަހަތަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ހުންނާނެއެވެ. މި ސްކޫލްގެ ޢިމާރާތުގެ މަސައްކަތް ނިންމައި 2022 ވަނަ އަހަރު އެތަނުގައި ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ.
އަލަށް ޢިމާރާތްކުރުމަށް ނިންމާފައިވާ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަކީ ވަށައިޖެހޭ ތަޢުލީމެއްދެވޭ އެއްދަންފަޅިއަށް ހިންގާނެ ފުރަތަމަ މޮޑެލް ސްކޫލެވެ.