އިންޑިއާ ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް ބުކިން ހަދަމުންދާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އެޤައުމުގެ ބައެއް ޓުއަރ އޮޕަރޭޓަރުން ހާމަކޮށްފިއެވެ.
ކޯވިޑް-19އާ ގުޅިގެން އިންޑިއާގައިވެސް ވަނީ ފުރަބަންދުގެ ފިޔަވަޅުތައް އަޅާފައެވެ. މިއާއެކު ދަތުރުފަތުރުކުރުން ހުއްޓުމަކަށް އައެެވެ. އެހެން ނަމަވެސް މިހާރު އަނެއްކާވެސް މަޑުމަޑުން ޤައުމުން ބޭރަށް ޗުއްޓީއަށްދާން މައުލޫމާތުތައް އޮޅުންފިލުވާ މީހުންނާއި، ބުކިންތައް ހަދަމުންދާ މީހުން އިތުރުވަމުންދާކަމަށް އެޤައުމުގެ ޓުއަަރ އޮޕަރޭޓަރުން ހާމަކުރެއެވެ. އެގޮތުން މައުލޫމާތު އޮޅުންފިލުވުމަށް ޓުއަރ އޮޕަރޭޓަރުންނަށް ގުޅާ މީހުންގެ އަދަދު 50 އިންސައްތަ ވަނީ އިތުރުވެފައެވެ.
އިންޑިއާއިން ދަނީ ބައެއް ޤައުމުތަކާއެކު އެއަރ ބަބުލްތައް ޤާއިމްކުރަމުންނެވެ. މިއާ އެކު އެމަންޒިލްތަކަށް ދަތުރުކުރުމުގައި ފަސޭހަތަކެއް ހުރެއެވެ.
އިންޑިއާއިން ވަނީ ރާއްޖެއާއި އެކުވެސް އެއަރ ބަބުލް އެއް ޤާއިމްކޮށްފައެވެ. އަދި މި އެއަރ ބަބުލް އާއި އެކު ބައެއް އެއަރލައިންތަކުން ދަނީ ދެ ޤައުމުގެ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.
އަދި އިންޑިއާއިން އެއަރ ބަބުލްތައް ޤާއިމްކޮށްފައިވާ ޤައުމުތަކުގެތެރެއިން އެންމެ ޑިމާންޑު ބޮޑީ ދުބާއީއާއި ރާއްޖެއަށްކަމަށް ޓްރެވަލް އޮޕަރޭޓަރުން ބުނެއެވެ. އަދި ކުރިއަށް އޮތް 3 މަސްދުވަސްތެރޭ ދަތުރުކުރުމަށް އެކި ފަރާތްތަކުން ބުކިންތައް ހަދަމުންދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ އިންޑިއާ ފަތުރުވެރިންނެވެެ. އެގޮތުން އެޤައުމުން ރާއްޖެއަށް 35 ހާސް ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެހެން ނަމަވެސް މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 66.4 އިންސައްތަަ ދަށް އަދަދެކެވެ.