ޚަބަރު

މޯލްޑިވިއަން އާއި ގުޅިގެން ސީޕްލޭންގެ ޚިދުމަތް އައްޑޫގައި އަލުން ފެށުމަަށް ތައްޔާރުވެއްޖެ


މޯލްޑިވިއަންއާ ގުޅިގެން ސީޕްލޭންގެ ޚިދުމަތް އައްޑޫގައި އަލުން ފެށުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ތައްޔާރުވެއްޖެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ ކުންފުނި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުން ވިދާޅުވީ، މިކަމާއި ގުޅޭ އެއްބަސްވުމުގައި މޯލްޑިވިއަންއާއެކު މާދަމާ ސޮއިކުރުމަށް ތައްޔާރު ވެފައިވާކަމަށެވެ.

އަލުން އޮޕަރޭޝަން ފެށުމަށް ވަމުންދާ ތައްޔާރީ ތަކާއި ގުޅޭ ގޮތުން ޕީއެސްއެމް އިން ދެންނެވިސުވާލަކަށް ޖަވާބު ދެއްވަމުން އޭއައިއޭގެ މެނޭޖިންގް ޑިރެކްޓަރ ޤައިސް ނަސީރު ވިދާޅުވީ، ގިނަ ދުވަސް ތަކަކަށް ފަހު އަލުން އޮޕަރޭޝަން ފަށަނީ، ސީޕްލޭން ޓާމިނަލް ހުރި އިމާރާތް މަރާމާތުކޮށް ވެއިޓިން ލައުންޖެއްވެސް މުޅިން އަލަށް ތައްޔާރު ކުރުމަށްފަހު ކަމަށެވެ. އަދި އަންނަ ނޮވެމްބަރަށް އޮޕަރޭޝަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއޮޕަރޭޝަންތައް ފެށުމާއެކު އެއަރލައިންތައް ގެނައުމަށް ފަސޭހަ ވެގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން ގަމާއި ހުވަދު އަތޮޅުގެ ރިސޯޓުތައްވެސް ގުޅިގެން ދާނެ ކަމަށް އޭއައިއޭ އިން ވިދާޅުވިއެވެ.

ޤައިސް ވިދާޅުވީ، މޯލްޑިވިއަން އާއި ގުޅިގެން މިއޮޕަރޭޝަން ކުރިއަށް ގެންދަން ނިންމީ މީގެ ކުރިން ޓީއެމްއޭއާއެކު ވެފައިވާ އެއްބަސްވުން ދެފަރާތުގެ މަޝްވަރާތަކަށް ފަހު އުވާލުމާ ގުޅިގެން ކަމަށެވެ. ޤައިސް ވިދާޅުވީ ކޯވިޑް-19 އައުމުގެ ކުރިންވެސް އަލުން އޮޕަރޭޝަން ފެށުމަށް ޓީއެމްއޭއާއެކު މަޝްވަރާ ކުރެވެމުން ދިޔަ ކަމަށާއި ނަމަވެސް، މިހާލަތު އައުމާއެކު ޓީއެމްއޭއަށް އަލުން އޮޕަރޭޝަން ކުރިއަށް ގެންދެވެން ނެތްކަން އެފަރާތުން އަންގާފައިވާ ކަމަށެވެ.

އޭއައިއޭ އިން ގަމުގެ ސީ ޕްލޭން އޮޕަރޭޝަން ޓީއެމްއޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭރު އޮޕަރޭޝަން ފަށާފައިވަނީ ހުވަދު އަތޮޅުގެ ރިސޯޓުތަކަށް 15 މީހުންގެ ޖާގައިގެ އެއް ބޯޓާއި އެކުއެވެ. ނަމަވެސް ސީޕްލޭން ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.