ކުޅިވަރު

ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް


އިނގިރޭސި ލީގު ކަޕު ފުޓްބޯޅަ މުބާރާތުގައި ލިވަޕޫލްއާ ވާދަކޮށް ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން ކުރިހޯދައި އާސެނަލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއްނުވެއެވެ.

ޕެނަލްޓީގައި އާސެނަލްގެ މުހައްމަދު އެލްނެނީގެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު އިރު ލިވަޕޫލްގެ ޑިވޮކް އޮރިގީ އާއި ހެރީ ވިލްސަންގެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސައިދު ބެންރަހްމާގެ ދެ ލަނޑާއެކު ބްރެންފޯޑުން ވަނީ ޕްރިމިއަރ ލީގުގައި ވާދަކުރާ ފުލަމްގެ މައްޗަށް 3-0 އިން ކުރި ހޯދާ ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.

މުބާރާތުގައި ވާދަކުރާ ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށް ވެސް ރޭވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ވިލާ ބަލިވީ ސްޓޯކް ސިޓީއާ ވާދަކޮށް 1-0 ގެ ނަތީޖާ އަކުންނެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި އާސެނަލް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގެ މެޗުތައް އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.