ވިޔަފާރި

ސިލްކް އެއަރގެ ދަތުރުތައް ޑިސެމްބަރުމަހު ރާއްޖެއަށް އަލުން ފަށަނީ


ސިންގަޕޯރ އެއަރލައިންސްގެ ދަށުން އޮޕަރޭޓްކުރާ "ސިލްކް އެއަރ"ގެ ދަތުރުތައް އަންނަ ޑިސެމްބަރުމަހު ރާއްޖެއަށް އަލުން ފެށުމަށް ނިންމައިފިއެވެ.

ޑިސެމްބަރުމަހުން ފެށިގެން ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ހަފްތާއަކު 2 ދަތުރު ބޭއްވުމަށް ސިލްކް އެއަރއިން ވަނީ ނިންމާފައެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުގެ ކުރިން ސިންގަޕޯރ އެއަރލައިންސް އަދި ސިލްކް އެއަރލައިންސްއިން ދިޔައީ ހަފްތާއަކު 16 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ.

ސިންގަޕޯރ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 1984 ވަނަ އަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. އަދި ސިންގަޕޯރ އެއަރލައިންގެސް ދަށުން އޮޕަރޭޓުކުރާ ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް އަލުން ދަތުރުތައް ވަނީ ފަށާފައެވެ. އަދި ބައެއް އެއަރލައިންތަކުން ދަނީ ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން ބްރިޓިޝް އެއަރވޭސްއިން މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އަދި ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އަންނަ އަހަރު އަލުން ފަށާނެކަމަށް ބުނެފައެވެ. ލުފްތަންސާއިން ރާއްޖެއަށް ކުރާ ދަތުރުތައް ކުރާނީ ޖަރުމަންވިލާތުގެ ފްރެންކްފަރޓްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ރާއްޖެއަށް އެ އެއަރލައިންގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު 2 ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ރާއްޖެއަށް މިހާރުވެސް ދަތުރުތައް ބާއްވަމުން އަންނަ އެއަރލައިންތަކުން ދަނީ ރާއްޖެއަށް އޮޕަރޭޓުކުރާ ފްލައިޓުތަކުގެ އަދަދު އިތުރުކުރަމުންނެވެ. އެގޮތުން އެމިރޭޓްސް އެއަރލައިނުން ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ނިންމާފައެވެ. އެމިރޭޓްސްއިން އަންނަނީ ރާއްޖެއަށް މިހާރު ހަފްތާއަކު 6 ދަތުރު ބާއްވަމުންނެވެ.