ޚަބަރު

އަދީބު 20 އަހަރަށް ޖަލަށް ލުމަށާއި 2 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޙުކުމްކޮށްފި


ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުރި 7 ދަޢުވާ ސާބިތުވެ ޖުމުލަ 20 އަހަރަށް ޖަލަށް ލުމަށާއި 2 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުންކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދަޢުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާއާއި މަނީލޯންޑަރކުރުމުގެ ދެ ދަޢުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނޭހެން ޖުމަލް ހަތް ދަޢުވާގެ ޙުކުމް ކްރިމިނަލް ކޯޓުން މިރޭވަނީ ކޮށްފައެެވެ. މިހުރިހާ ދަޢުވާއަކަށް އަދީބުގެ މައްޗަށްވަނީ 20 އަހަރުގެ ޖަލު ޙުކުމް އިއްވާފައެވެ.

އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދަޢުވާއާ ގުޅިގެން ދައުލަތާ އަދީބާ އެކު އިޢުތިރާފްގެ އެއްބަސްވުމެއް ޤާއިމްކުރުމުން އަދީބުވަނީ ހުރިހާ ދައުވާތަކަށް ކޯޓުގައި އެއްބަސްވެފައެވެ.

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ 2 ދައުވާއެއްގެ ޙުކުމެއްގެ ގޮތުގައި ޤާނޫނު އަސާސީއާ ޤާނޫނުގެ އުޤޫބާތުގެ ދަށުން 7 އަހަރާއި 2 މަހާއި 12 ދުވަހަށް އަދީބް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުންވަނީ ޙުކުމްކޮށްފައެވެ.

އަދި މަނީ ލޯންޑަރކުރުމުގެ ކުށުން ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި އެކަމުގެ އަދަބެއްގެ ގޮތުން 11 އަހަރާއި 10 މަހަށް ޖަލަށްލުމާއެކު 2 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ޙުކުމްކޮށްފައެވެ.

މީގެ އިތުރުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ 2 ދަޢުވާއަށް އިއުތިރާފްވެފައިވާތީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި އެކަމުގެ އުޤޫބާތެއްގެ ގޮތުން 7 މަހާއި 15 ދުވަހުގެ ޖަލު ޙުކުމެއްވަނީ އިއްވާފައެވެ.

އަދި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވުވެ އެކުށުން އަދީބު ކުށްވެވެރިވެފައިވާކަމަށް ކަނޑައަޅައި 3 މަސްދުވަހުގެ ޖަލު ޙުކުމެއްވެސް އަދީބަށްވަނީ ކްރިމިނަލް ކޯޓުން އިއްވާފައެވެ.

އަދީބުގެ މައްޗަށް އިއްވި ހުކުމްތައް

  • ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ - 4 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް
  • ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ - 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް
  • މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ - 5 އަހަރާއި 11 މަހަށް ޖަލަށްލައި 1 މިލިއަން ރުފިޔާއިން ޖޫރީމަނާ
  • މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ - 5 އަހަރާއި 11 މަހަށް ޖަލަށްލައި 1 މިލިއަން ރުފިޔާއިން ޖޫރިމަނާ
  • މަޤާމުގެ ނުފޫޒުން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދަޢުވާ - 1 މަހާއި 15 ދުވަހަށް ޖަލަށް
  • މަގާމުގެ ނުފޫޒުން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދަޢުވާ - 6 މަސްދުވަހަށް ޖަލަށް
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ - 3 މަސްދުވަހަށް ޖަލަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބުރައީސްގެ މައްޗަށް ދައުލަތުން ކުރި 7 ދަޢުވާ ސާބިތުވެ އޭނާގެމައްޗަށް ޙުކުމް އިއްވާފައިވަނީ ވަކިވަކިންނެވެ.

މި ދަޢުވާތަކުގެ ތެރެއިން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދަޢުވާއަކީ އަދީބު ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމާއި ފަތުރުވެރިކަމާއިބެހޭ ވަޒީރަކަށް ހުންނަވައިގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ފަތުރުވެރިކަމަށް ދޫކުރި ފަޅުރަށްތަކާއި ފަޅުތަކުގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދަޢުލަތަށްލިބެޖެހޭ ފައިސާއަށް ޚިޔާނާތްތެރިވުމާއި ގުޅިގެންނެވެ.

މަނީ ލޯންޑްރިންގެ ދެ ދައުވާ އަދީބުގެ މައްޗަށް އުފުލާފައިވަނީ ފަތުރުވެރިކަމަށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދަޢުލަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް އެނގިހުރެ އަދީބުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އެފައިސާތައް ބޭނުންކޮށްފައިވާތީއެވެ.

މީގެ އިތުރުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއަކީ ޤާނޫޏާއި ޤަވޢިދާއި ޚިލާފަށް ބިޑް ކުރުމަކާނުލައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އިތުރު ބަޔަކަށް ނުހައްޤުން ފައިދާތަކެއް ހޯދައި ދީފައި ވާތީއެެވެ.

ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ޙުކުމް އިއްވާފައިވީނަމަވެސް މިމައްސަލަތަކާއި ގުޅިގެން އަހަރެއްހާ ދުވަހު އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ ދެން ޖަލު ޙުކުމް ތަންފީޒުކުރަންޖެހޭނީ 19 އަހަރުގެ މުއްދަތަކަށެވެ.

އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުނެވި 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޓޫރިޒަމް ސިނާއަތް ކޮޅަށްޖެހީ ރަށްތައް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދައިގެންކަމަށް އަދީބު ވިދާޅުވެފައިވާއިރު، ހުރިހާ ރަށްތަކެއްވެސް ދިނީ ބިޑުކޮށްގެންކަމަށާއި، ނަމަވެސް 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޓޫރިޒަމަށް ރަށްތަށް ދޫކުރީ އެމްއެމްޕީއާރުސީގެ މަޤްޞާދު ބަދަލުކޮށްގެންކަމާއި، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށްވީ އެމްއެމްޕީއާރުސީ މެދުވެރިކޯށް ރަށްތައް ދިނުންކަމަށެވެސް އަދީބުވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ދެ އަހަރު ޓޫރިޒަމަށް ހުރިހާ ރަށްތަކެއް ދޫކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިގެންކަމަށް އަދީބުވަނީ ވިދާޅުވެފައިވެއެވެ.

ޛ

ކާއްޓެއް ވަގަށްނެގިމީހާ 6 މަހށް އަރުވާލުން.