ޚަބަރު

ކޯވިޑް-19 : ބަލިޖެހުނު މީހުންގެ ޢަދަދު 10،600އިން މައްޗަށް


ރާއްޖެއިން އިތުރު 54 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 10621އަށް އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 52 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުން 2 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 45 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 9 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،621 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 39 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9466 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1114ގައި އުޅޭއިރު 407 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 68 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި 6 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1488 ސާމްޕަލެއް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 22 ރަށަކުންނާއި، 20 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 59 ދިވެއްސަކަށާއި، 65 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 10 ފަތުރުވެރިއަކާއި، 15 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.