ޚަބަރު

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދޭނެ: ނާޝިޒް


ދަޢުލަތަށް ލޯނު ނެގުމާއި ދަޢުލަތުގެ ފަރާތުން ގެރެންޓީ ދިނުމާއި ގުޅޭކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އަދާކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން މާލިއްޔަތު ކޮމިޓީން ދެއްވާނެކަމުގެ ޔަގީންކަން އެ ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ދެއްވައިފިއެވެ.

މާލިއްޔަތުކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު މި ޔަޤީންކަން ދެއްވާފައިވަނީ، ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީއާއި ނަގާފައިވާ ލޯނާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި އެކު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.

ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީއާއި ނަގާފައިވާ ލޯނާއި ގުޅޭ މައުލޫމާތު ކޮމިޓީގެ މެންބަރުންނާއި ފިނޭންސް މިނިސްޓަރ ޙިއްސާކުރެއްވުމުން ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 112ވަނަ މާއްދާގައި މާލިއްޔަތު ކޮމިޓީގެ މަސްޢޫލިއްޔަތު ތަކުގެ ގޮތުގައި ދަޢުލަތަށް ލޯނުނެގުމާއި ދައުލަތުގެ ފަރާތުން ގެރެންޓީ ދިނުމުގައި މަޖިލީހުގެ ފަރާތުން އަދާކުރަންޖެހޭ ދައުރާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަކީ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތެއްކަމަށެވެ. އެހެންކަމުން އެކަމުގައި ސަރުކާރަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން އެކޮމިޓީން ދެއްވާނެކަމަށެވެ. އަދި އެފަދަ ކަމެއް އޮތްނަމަ ކޮމިޓީއަށް އެކަމެއް ހިއްސާކުރުމަށް މުޤައްރިރުވަނީ އެދިވަޑައިގަންނަވާފައެވެ.

"އެހެންވީމަ އަޅުގަނޑު ވަޒީރުގެ އަރިހުން އެދެން ދައުލަތުގެ މި ދެންނެވި ކަންކަމާއި ގުޅިގެން އެއްވެސްކަމެއްގައި މި ކޮމިޓީގެ ފަރާތުން ބޭނުންވާ ކަމެއް ނޫނިއްޔާ ކޮމިޓީއާ ހިއްސާކުރަން ނޫނިއްޔާ ކޮމިޓީން ޑެލިބްރޭޓްކުރަންޖެހޭކަމެއް އޮތްކަމުގައިވިޔަސް އެކަމެއްކުރުމުގައި މި ކޮމިޓީގެ ފަރާތުން އެއްބާރުލުމާއި އަދި އެލިބެންޖެހޭ ކަންތައްތައް ފުރިހަމައަށް ކުރުމުގެ ޔަގީންކަން އަޅުގަނޑުދޭން ބޭނުން" ނާޝިޒު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވިފައިވާ ތަފާތު މާލީ ދަތިތަކާއި އެދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިނިސްޓަރ އަމީރުވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.