ޚަބަރު

10 މީހުންނަށްވުރެ ގިނައިން ފުރަބަންދު ކަރަންޓީނަށްދާނަމަ ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަންފަށަނީ


މާލެ ސަރަހައްދުން 10 މީހުންނަށްވުރެ ގިނައިން އެއްތަނެއްގައި ކަރަންޓީންވާން ދާނަމަ ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަންޖެހޭގޮތަށް އުސޫލަށް ބަދަލުގެންނަށް ގަސްދުކޮށްފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ، ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ، މިހާލަތުގައިވެސް ރަށްރަށުގައި ކޯވިޑް-19 ނުފެތުރޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް އިސްކަންދީފައިވާކަމަށެވެ.

އެގޮތުން މާލެއިން ރަށްރަށަށް ގޮސް ފުރަބަންދުވާންޖެހޭ އުސޫލުއެކުލަވާލައި އަމަލުކުރަން ފެށުމުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލްކުރެވިފައިވާކަމަށާއި، ފުރަބަންދުގައި ތިބޭ އެންމެންވެސް ފުރަބަންދުގެ އުސޫލަށް އަމަލުކުރުމަކީ މުހިއްމު ކަމެއްކަމަށެވެ.

ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ އެކި އޮފީސްތަކާއި ބިދޭސީންގެ އިތުރުން އާންމު މީހުންގެ ތެރެއިންވެސް އެއްތަނެއްގައި ގިނަ ބަޔަކު ފުރަބަންދު ކަރަންޓީންވާނަމަ އަމަލުކުރަންޖެހޭނީ ވަކި އުސޫލަކުންކަމަށެވެ.

ނަމަވެސް އެ އުސޫލާއެއްގޮތަށް އިންތިޒާމުތައް ހަމަޖައްސަން ދަތިވާނަމަ ނުވަތަ ވަކިވަކިން ކަރަންޓީނުވެވޭނެ އިންތިޒާމު ހަމަނުޖެއްސޭނަމަ ދެން އަމަލުކުރާނެ ރައްކާތެރިކަމުގެ އުސޫލެއްގެ ގޮތުގައި 10 މީހުންނަށްވުރެ އިތުރަށް އެކީގައި ކަރަންޓީންވާންދާ ހާލަތުގައި ކަރަންޓީނަށް ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަންޖެހޭގޮތަށް އުސޫލު ބަދަލުކުރުމަށް ވިސްނަމުންދާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

"މިގޮތަށް ޕީސީއާރު ޓެސްޓްހަދާނީ ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން. އޭގެ މާނައަކީ ގްރޭޓަރ މާލެ ސަރަހައްދުން މިގޮތަށް ރަށަކަށްގޮސް ގިނަ އަދަދެއްގެ މީހުން ކަރަންޓީންވާން ދާނަމަ، މާނައަކީ 10 މީހުންނަށްވުރެ ގިނަ އަދަދެއްގެ މީހުންދާނަމަ ޕީސީއާރު ޓެސްޓް ހަދަންޖެހޭނެއޭ" ޑރ. އަޙްމަދު ޝަހީދު ވިދާޅުވިއެވެ.

ޕީސީއާރު ޓެސްޓް ހެދިނަމަވެސް ވައިރަސްގެ އަސަރު ހުރި މީހެއްނަމަ ފުރަބަންދު ކަރަންޓީނުގެ ދުވަސްތަކުގައި އެމީހާ ޕޮޒިޓިވްވުމުގެ ފުރުސަތު އޮތުމާއެކު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަރަންޓީނަށްދާ ހުރިހާ އެންމެންވެސް އެޅުން މުހިއްމުކަމަށާއި، އެގޮތުން ގިނަ ބަޔަކު ތިބޭނަމަ ކުދި ކުދި ގްރޫޕްތަކަށް ބަހާލައިގެން ވީހާވެސް ބޮޑަށް އެންމެން އެއްނުވާނެފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އެޗްއީއޯސީންވަނީ އެދިފައެވެ.