ޚަބަރު

ކުޑަކުދިންގެ ހިޔާއިން 2 ކުއްޖަކު ޕޮޒިޓިވް ވެއްވެއްޖެ


ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިންމިހާތަނަށް 23 ކުދިން އަދި ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން 2 ކުއްޖަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ހުޅުމާލޭ ފިޔަވަތިން ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި ހިމެނެނީ 11 ކުދިންނާއި، 11 ކެއަރ ވޯކަރުންގެ އިތުރުން އެތަނުގެ ސީނިއަރ މުވައްޒަފެއް ކަމަށެވެ.

މީގެ އިތުރުން ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން މިދިޔަ ބުރާސްފަތިދުވަހު ކޯވިޑްގެ އާލާމަތް ހުރެގެން ދެކުއްޖެއްގެ ސާމްޕަލް ނެގިކަމަށާއި، އެދެކުދިންވެސް ޕޮޒިޓިވްވެފައިވާކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. ޑޮކްޓަރ ނަޒްލާ ވިދާޅުވީ ވިލިމާލެ ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި 2 ކުދިންނާއި ސީދާ ދިމާވި ނުވަތަ ކޮންޓެކްޓުންގެ ގޮތުގައި 89 މީހަކު ދެނެގަނެވި އޭގެތެރެއިން 4 ކުއްޖެއްގެ ކިބައިގައި އަލާމަތްތައް ހުރެގެން މިދިޔ ބުރާސްފަތިދުވަހު ޓެސްޓުކުރިކަމަށެވެ. ނަމަވެސް އެހަތަރު ކުދިންވެސް ނެގެޓިވްކަމަށާއި، އިތުރު 86 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށްވެސް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިން އެންމެ ފުރަތަމަ 8 ކުއްޖަކު ޕޮޒިޓިވްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ހުޅުމާލެ ފިޔަވަތިން މިދިޔަމަހުގެ 30 ވަނަ ދުވަހު ކުދިން ބަލަހައްޓާ މީހެއްގެ ކިބައިން ބަލީގެ އަލާމަތްތަކެއް ފެނިގެން ސާމްޕަލްނަގައި ޓެސްޓު ކުރި އިރު އެމީހާ މިމަހުގެ 1 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާކަމަށް ޑޮކްޓަރ ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ޕޮޒިޓިވްވި ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ ވިދާޅުވެފައެވެ.