ޚަބަރު

ކުރީ ސަރުކާރުން 480 މިލިއަން ޑޮލަރުގެ ގެރެންޓީ ދިނީ އުސޫލާއި ޚިލާފަށް : އޮޑިޓް ރިޕޯޓް


ކުރީ ސަރުކާރުގައި 480 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ގެރެންޓީ ދީފައިވަނީ ދައުލަތުގެ ގެރެންޓީ ދިނުމުގެ އުސޫލާއި ޚިލާފަށްކަމަށް އޮޑިޓް ރިޕޯޓްގައި ހާމަކުރައްވައިިފިއެވެ. އޮޑިޓަރ ޖެނެރަލް ސޮއިކުރައްވާ ނެރެފައިވާ 2018 ވަނަ އަހަރުގެ ދައުލަތުގެ ގެރެންޓީއާއި ގުޅޭ އޮޑިޓް ރިޕޯޓްގައިވަނީ ދައުލަތުން ގެރެންޓީ ދިނުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ދައުލަތުން ގެރެންޓީ ދިނުމުގެ އުސޫލުގައި، ދައުލަތުން ގެރެންޓީ ދިނުމުގައި އެކަމަށް އެދި ހުށައަޅާ ހުށައެޅުންތައް ފިނޭންސް މިނިސްޓްރީން އައްޔަންކުރާ ފަރާތަކުން ނުވަތަ މިނިވަން އޮޑިޓަރެއް ދިރާސާކުރަން ވާނެކަމަށް ބަޔާންކޮށްފައިވާއިރު، ދައުލަތުން ގެރެންޓީ ދީފައިވަނީ އެ އުސޫލާއި ޚިލާފަށް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ އުސޫލާއި ޚިލާފަށް ދައުލަތުން ގެރެންޓީ ދިނުމަކީ އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެކަމެއްކަމަށެވެ. އެގޮތުން ދައުލަތުން ގެރެންޓީ ދީފައިވާ ދަރަންޏެއް އަދާނުކޮށްފި ހާލަތެއްގައި އެކަމުގެ ޒިންމާ ގެރެންޓީ ދޭފަރާތުގެ ހައިސިއްޔަތުން ނަގަންޖެހޭނީ ދައުލަތުންކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހުޅުމާލޭގައި 2016 ވަނަ އަހަރު 5000 ހައުސިންގ ޔުނިޓް އެޅުމަށް 327 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ގެރެންޓީ ދިނުމުގައާއި، 1000 ހައުސިންގ ޔުނިޓް އެޅުމަށް އެޗްޑީސީއަށް 65 މިލިއަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ގެރެންޓީއެއް ދިނުމުގައިވެސް މައްސަލަތަކެއް ހުރިކަމަށެވެ. އެގޮތުން މި 2 މަޝްރޫޢު ހަވާލުކުރި ކުންފުނީގެ ފަރާތުން ޕާފޯމަންސް ސެކިއުރޓީ ނުދިނުމުގެ ސަބަބުން އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށާއި، ނަމަވެސް ސަރުކާރުގެ ފަރާތުން ދިން ގެރެންޓީ އަނބުރާ ދިންކަން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ދައުލަތުގެ ދަރަނި ބޮޑުވެފައިވަނީ މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ސޮވެރިންގ ގެރެންޓީތަކުގެ ސަބަބުންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.