ދުނިޔޭގެ ވިޔަފާރި

ނިއުޔޯކްގައި ފަތުރުވެރިކަން އަޑިއަޅާލައި، ހޮޓެލް ރޫމްތަކުގެ އަގު 135 ޑޮލަރަށްވުރެ ދަށަށް!


ނިއުޔޯކްގައި ފަތުރުވެރިކަން ދަށަށް ގޮސް، ހޮޓާތަކުގެ އަގުތައް 135 ޑޮލަރަށްވުރެ ދަށަށް ހިނގައްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެމެރިކާގެ ނިއު ޔޯކްގެ 700 ވަރަކަށް ސިޓީ ހޮޓެލްގެ ތެރެއިން 200 ހޮޓާ އަދިވެސް ހުޅުވާފައެއް ނުވެއެވެ. މީގެ ތެރޭގައި އެ ސިޓީގައި އެންމެ މަޤުބޫލު މިޑްޓައުން ހިލްޓަން ހޮޓެލް އަދި 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރޫސްވެލްޓް ހޮޓެލް ފަދަ ނަން މަޝްހޫރު ހޮޓާތައް ހިމެނެއެވެ. ޚަބަރުތައް ބުނާގޮތުން ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސްއިން ހިންގާ ރޫސްވެލްޓް ހޮޓެލްގެ ދަރަނި ބޮޑުވެ، ހޮޓާ ބަންދުކުރާ ހިސާބަށްވަނީ ގޮސްފައެވެ.

ނިއު ޔޯކްގެ ހޮޓެލްތަކުގެ ވިޔަފާރިއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓަކުން ވަނީ ކޯވިޑްގެ ޙާލަތުން އަރައިގަތުމުގައި ކާމިޔާބީތަކެއް ހޯދުނުކަމުގައި ވިޔަސް ފަތުރުވެރިންގެ އިތުބާރު ހޯދުމުގައި އަދި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ބުނެފައެވެ. އެގޮތުން ކޯވިޑްގެ ޙާލަތު ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު މި މަސައްކަތްކުރުމަށް ބޭނުންވާ އެހީ ކުންފުނިތަކަށް ލިބިފައިނުވުމަކީ މި ދާއިރާގެ ކުރިއެރުން ލަސްވާކަމެއްކަން މި ދިރާސާއިން ދައްކައެވެ. މީގެ އިތުރުން ޙާލަތާއި ގުޅޭގޮތުން ފަތުރުވެރިންނަށް ކަމުދާނެފަދަ އައު ކަންކަން ތަޢާރަފް ނުކުރެވުމަކީވެސް މި އަޑިއަޅާލުމަށް މަގުފަހިވި ސަބަބެކެވެ.

މި ދުވަސްވަރަކީ ފަތުރުވެރިކަމުގައި ނިއުޔޯކްގެ ޕީކް ސީޒަން ކަމުގައި ވީނަމަވެސް ހޮޓަލް ރޫމްތަކުގެ އަގު އުޅެނީ 135 ޑޮލަރަށްވުރެ ދަށުގައިކަމަށް ދިރާސާއިން ދައްކައެވެ. މިދިޔަ އަހަރުގައި މި ސީޒަންގައި އެންމެ އަގު ހެޔޮކޮށްވެސް ރޫމެއް އުޅުނީ 330 ޑޮލަރަށްކަމުން މިއީ ވަރަށް ބޮޑު އަޑިއަޅާލުމެއްކަމަށް ވަނީ ސިފަކޮށްފައެވެ. ފަތުރުވެރިކަމުން އަހަރެއްގެ މައްޗަށް 70 ބިލިއަންގެ އާމްދަނީއެއް ނިއުޔޯކް ސިޓީއަށް ލިބޭއިރު، މިއަހަރު މިއަދު 92 އިންސައްތައިން ދަށަށް ދާނެކަމަށް ދިރާސާއިން ދައްކައެވެ.

ކޯވިޑްގެ ސަބަބުން ދިމާވި މާލީ ދަތިކަމާއެކު ނިއު ޔޯކްގެ 700 ވަރަކަށް ހޮޓެލްގެ ތެރެއިން 200 ހޮޓެލް އަދިވެސް ނުހުޅުވާއިރު، 870 ހާސް މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ތަޖުރިބާކާރުން ވަނީ އަންނަ އަހަރުވެސް ނިއު ޔޯކް ސިޓީގެ ފަތުރުވެރިކަން އާންމު ޙާލަތައް ނާންނާނެކަމަށް އަންދާޒާކޮށްފައެވެ. މި ސަބަބަށްޓަކައި ފަތުރުވެރިކަމުގެ ޕްލޭންތައް ބަދަލުކޮށް ޙާލަތާއި ގުޅޭގޮތަށް ޚިދުމަތްތައް ތަޢާރަފްކުުރުން މުހިންމުކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ.