ޚަބަރު

ބަޔާނެއް ބަދަލުކުރާކަމަށް ބުނެ ދައްކަނީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް: ފުލުހުން


މައްސަލައެއްގައި އަނިޔާލިބުނު މީހެއްގެ ބަޔާނެއް ފުލުހުން ބަދަލު ކުރަނީކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުކުރާ ވީޑިއޯ އާއި އެކަމާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ ޖޫން މަހު ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީ އެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައިގައި އަންހެން މީހާ ފުލުހުންނަށް ދިން ބަޔާން ފުލުހުން ބަދަލު ކުރާ ކަމަށް ބުނާ ވީޑިއޯ އިއްޔެ ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފައެވެ.

މައްސަލައެއްގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނެއް ފުލުހުން ބަދަލު ކުރަނީކަމަށް ތުހުމަތުކޮށް އޭނާގެ ޤާނޫނީ ވަކީލަކު އިއްޔެ ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯއާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުކުރާ ވީޑިއޯ ކްލިޕަކީ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ވިކްޓިމް އާއި ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަރވިއު ރެކޯޑިންގ އަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓްކުރުމުގެ މަރުހަލާގައި ތަޙުޤީޤުކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއްކަމަށެވެ.

މިއީ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާކަމެއް ކަމަށް ދޭހަވާގޮތަށް އެ ވިކްޓިމްގެ ވަކީލުން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަޤީޤަތާއި ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ޤާނޫނީ ވަކީލުންނާއި ސީދާ ކުރެވިފައިވާ މުޢާމަލާތެއް ނޫންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ދައުރުކުރާ ވީޑިއޯ ކްލިޕަކީ ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައިގެ ވިކްޓިމްގެ ފަރާތުން ވަކާލާތުކުރުމަށް ޤާނޫނީ ވަކީލުން އައްޔަނުވުމަށްފަހު، ކުރިން ތަޙްޤީޤަށް ވިކްޓިމް ދީފައިވާ ބަޔާނުގައި ސޮއިކޮށް ނިމިފައިވަނިކޮށް އިތުރު މަޢުލޫމާތު ހިމެނުމަށް ބޭނުންވާތީ ވިކްޓިމް އާއި އަލުން އިންޓަރވިއު ކުރުމަށް އެދި ވިކްޓިމްގެ ޤާނޫނީ ވަކީލުން ފުލުހުންނަށް ލިޔުމުން ހުށަހެޅުމުން ވަކީލުންގެ ޙާޟިރުގައި ކުރެވިފައިވާ އިންޓަރވިއުއެއްގެ ފަހުގައި ދެވަނަ ފަހަރަށް އިންޓަރވިއު ފެށުމާއި ދޭތެރޭ ތަޙްޤީޤްކުރި ފަރާތްތަކުން ބަޔާނުން އިސްލާޙުކުރުމަށް ހުށަހެޅުނު ކަންކަމާއި މެދު މަޝްވަރާކުރުމަށް ދެކެވުނު ވާހަކަތަކެކެވެ.

އަދި އެ ވީޑިއޯއަކީ ތަޙްޤީޤުގެ ބޭނުމަށް ފުލުހުން ކޮށްފައިވާ އިންޓަރވިއުއަކަށްފަހު ކުރެވިފައިވާ ރެކޯޑަކަށްވާއިރު އިންޓަރވިއުއަށް ވަކީލުންނަށް އެކްސަސްދީފައި ވަނީ ތަޙްޤީޤްގެ ބޭނުމަކަށް ކަމަށާއި، އިންޓަރވިއުގައި ހިމެނިފައިވާ މައްސަލައިގައި ވިކްޓިމްއާއި މެދު ހިންގާފައިވާ އަމަލުތަކުގެ މައުލޫމާތު ހާމަވާނެހެން މުޖުތަމަޢުގެ ތެރެއަށް ވީޑިއޯ އާންމުކުރުމަކީ ވިކްޓިމްގެ ހައްޤުތަކަށް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއްކަމުގައި ދެކޭކަމަށެވެ.

މީގެ އިތުރުން ފުލުހުން ހިންގާ ޖިނާޢީތަޙުޤީޤްތަކުގައި ބައިވެރިވާ ޤާނޫނީ ވަކީލުން ތަޙްޤީޤުގެ ތެރޭގައި ކުރެވޭ އިންޓަރވިއު ނުވަތަ މަސައްކަތްކުރާ ގޮތަކާއި މެދު މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖެހިފައިވާ ނިޒާމްގެ ބޭނުންކުރުމެއް ނެތި އިންޓަރވިއު ރެކޯޑިންގެ ބައިތައް ފަދަ ތަޙްޤީޤާއި ގުޅުންހުރި މައުލޫމާތު ހިމެނޭ ކޮންޓެންޓް އާންމުކޮށް، ކުށުގެ އަނިޔާލިބޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުން ކަންބޮޑުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއީ އެ އިދާރާގެ ތަޞައްވުރު ކިލަނބުވާ ގޮތަށް ޙަޤީޤަތާއި ޚިލާފު ތުހުމަތުކޮށް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ.

އަދި ޝަކުވާ އުފުލި ފަރާތުން އެމައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެކަމަށް ބަޔާންކޮށްފައި ވާތީ އެކަމާއި ގުޅިގެން އެކޮމިޝަނުން ކުރާ ތަޙްޤީޤަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި، އަދި މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.