ޚަބަރު

ކޯވިޑް-19 : ޓެސްޓްކިޓްގެ ބެޗެއް ގުދަންކުރުމުގައި ދިމާވި މައްސަލަދަނީ ބަލަމުން - އެޗްއީއޯސީ


ރާއްޖޭގައި ހުރި ޓެސްޓް ކިޓްތަކުގެ ތެރެއިން އެއް ބެޗުގެ ކިޓުތަކުން ފުރިހަމަ ނަތީޖާ ނުނިކުންނަކަން ފާހަގަކުރެވިގެން އެކަން ބެލިބެލުމުން އެއީ ގުދަންކުރުމުގައި ދިމާވި މައްސަލައެއްކަން އެނގިފައިވާތީ އެމައްސަލަ ބަލަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސެންޓަރުގެ ތަރުޖަމާނާ ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19 ދެނެގަތުމަށް ޓެސްޓްހެދުމަށް ބޭނުންކުރާ ބައެއް ކިޓްތަކުން ނަތީޖާ ނުނިކުންނަނީ ގުދަންކުރުމުގައި ދިމާވި މައްސަލައެއްގެ ސަބަބުންކަން ދެނެގަނެވުމުން އެކަމުގައި ބަލަންޖެހޭ ކަންކަން ހެލްތް އިމަޖެންސީގެ ކަމާގުޅުހުންހުރި ފަރާތަކުން ބަލަމުންދާކަމަށެވެ.

އަދި މިމައްސަލަ ދިމާވި ގޮތް ބެލުމަށްފަހު އެކަމުގައި ހިހުމާލުވާ ފާރާތެއް ތިބިނަމަ އެފަރާތަކާމެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ މައްސަލަ ދެނެގަނެވިފައިވީނަމަވެސް އެ ބެޗްގެ ހުރިހާ ޓެސްޓް ކިޓްތައް ބޭނުން ނުކުރެވި އުކާލާފައި ނުވާނެކަމަށާއި، އޭގެ ތެރެއިން ގިނަ ޓެސްޓް ކިޓުތަކެއް ބޭނުންކުރެވުނުކަމަށެވެ.

"ސުވާލު އުފެދޭ އެއްވެސް ނަތީޖާއެއް ރިޕޯޓުކުރެވިފައެއް ނުވާނެ. ސީދާ ކިޓްގެ ތެރެއިން މީގެ އިންޓާނަލް ކޮންޓްރޯލްގައި އެކަނި މި އިޝޫ ދިމާވީ. އެހެންވީމަ މި އިޝޫދިމާވި އެއްވެސް ޓެސްޓް ނަތީޖާއެއް ރިޕޯޓުކުރެވިފައި ނުވާނެ. މިމައްސަލަ ދިމާވި ބެޗްގެ ގަތްގަނޑަކަށް 3000 ޓެސްޓްކިޓް އަޅުގަނޑުމެން އަތުގައި އެބަހުރި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިދަފަކަމެއް ކުރިއަށްއޮތްތަނުގައި ތަކުރާވިޔަނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖެ ގެންނަ ޓެސްޓް ކިޓްތައކުގެ ތެރެއިން ފްރީޒިން ޓެމްޕަރޭޗަރގައި ބަހައްޓަންޖެހޭ ކިޓްތައް އެސްޓީއޯގެ ކޯލްޑް ސްޓޯރޭޖްގައި ބެހެއްޓުމަށްނިނަމައި އެފަދަ ކިޓްތައް ރައްކާތެރިކަމާއެކު މިހާރުވެސް ގުދަން ކުރެވިފައިވާކަމަށެެވެ.

މިވަގުތުވެސް ކޯވިޑް-19ގެ ޓެސްޓްހެދުމަށް ބޭނުންވާ 40،000 ރިއެކްޝަން އެބަހުރިކަމަށާއި، އެއީ 20 ދުވަހަށް ބޭނުންކުރެވޭނެ އަދަދެއްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް 3 މަހަށް ބޭނުންވާ ޓެސްޓް ކިޓްތައް ލިބޭނެމަގު ތަނަވަސްވެ އެތަކެތި ލިބެމުންދާނެކަން ކަށަވައރުކުރެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އޭޑީބީ ޕްރޮޖެކްޓުން އަންނަ 50،000 ޓެސްޓްކިޓް ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ވިދާޅުވިއެެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހާހަކަށްވުރެ ގިނަ ސާމްޕަލް ނަމަގަމުންދާއިރު، މިހާތަނަށް ކޯވިޑް-19 ދެނެގަތުމަށް މުޅި ރާއްޖެއިން 170،757 ސާމްޕަލްވަނީ ނަގާފައެވެ. މީގެ ތެރެއިން 10,943 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.