ޚަބަރު

ޤައުމީ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގެ ކޯއްޓޭއަށް ދިދަނެގުމުގެ ޚާއްޞަ އިޙުތިފާލު ބާއްވައިފި


ޕޯޗުގީޒުންގެ އަޅުވެތި އަނިޔާވެރި އިސްތިޢުމާރުން ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު ލިބުނު ޤައުމީ ތާރީޚީ ފަޚުރުވެރި ހާދިސާއަށް ހިޖުރީގޮތުން، 461 އަހަރު މިއަދަށް ފުރިފައިވާއިރު އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްސަ އިޙްތިފާލު މާލޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވަނީ ބާއްވަވާފައެވެ.

މިއަދު ހެނދުނު 06:00ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެތަނުގައި ހުންނަ ބޮޑުކޯއްޓޭއަށް ދިދަނެގުމުގެ އިޒުނަދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ، ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމު އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މި އިޙުތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ ޢިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޮޑު ކޯއްޓޭއަށް ދިދަނުގުން ބާއްވާތާ އެތައް އަހަރެއްވެފައިވާއިރު، ޖުމްހޫރީ މައިދާން ތަރައްޤީކޮށް ބޮޑު ކޯއްޓޭ ހަަދައި، އެ ކޯޢްޓޭއަށް ދިދަ ނަގަންފަށާފައިވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނު އަހަރުކަމުގައިވާ 1992 ވަނަ އަހަރުގައެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސްދުވަހުގެ ދިގު އަޅުވެތިކަމަށްފަހު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވުމުގެ ފަޚުރާއި ހަނދާން އާކުރުމުގެ ގޮތުންނެވެ. މި މަތިވެރި ޖިހާދުގެ ފަޚުވެރި ބަޠަލަކީ، ހއ.އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ދަރިކަލުން އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ދިވެހިޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ހަމައެކަނި ދުވަހަކީ ޤައުމީދުވަހެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު 10 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

މާލޭގެ އިތުރުން މިފަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ދުވަހުގެ ބަޠަލް ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައިވެސް ދިދަނެގުމުގެ ޚާއްސަ ރައްސްމިއްޔާތެއް މިއަދު ހެނދުނުވަނީ ބާއްވާފައެވެ. އަދި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި މިއަދު 09:30ގައި އޮންނާނެއެވެ. މީގެ އިތުރުންވެސް ޤައުމީ ދުވަސް ފާހަގަކުރުމަށް މިއަދު އުތީމުގައި ތަފާތު ހަރާކާތްތަކެއް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ޤައުމީ ދުވަހު މާލޭގައި ބާއްވާ ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ފަސްކޮށްފައެވެ. އަދި މާލޭގެ ސްކޫލްތަކާއި އެނޫންވެސް އިދާރާތަކުން ޤައުމީ ދުވަސް ފާހަގަކުރުމަށް ބާއްވާ ތަފާތު ހަރަކާތްތައް މިއަހަރު ނުބާއްވާގޮތަށް ސަރުކާރުންވަނީ ނިންމަވާފައެވެ.