ޗާޓަރު ދަތުރުތަކުންނާއި ޝެޑިއުލް ދަތުރުތަކުގެ ޑިމާންޑް ދަށްވުމުގެ ސަބަބުން ރާއްޖެއިން ބޭރުގެ އުދުހުންތަކުން މިދިޔަ އަހަރު އައިލެންޑު އޭވިއޭޝަން ލިމިޑެޓަށް ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އައިލެންޑު އޭވިއޭޝަނުން މިކަން ހާމަކޮށްފައިވަނީ އެކުންފުނިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުގައެވެ.
ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން މިހާރުވަނީ އައިލެންޑު އޭވިއޭޝަންއާއި ގުޅުންހުރި މައްސަލަތައް އެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އާއްމުކޮށްފައެވެ.
މި ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރު އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ކުރުމުންނާއި އަދި އިތުރު ވާދަވެރިޔަކު ވިޔަފާރީގައި ޙަރަކާތްތެރިވާން ފެށުމާއެކު ބައެއް ކޮންޓްރެކްތައް ގެއްލުމުން، އެތެރޭގެ އުދުހުންތަކުންވެސް ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރެވި، އިތުރު ވާދަވެރިއަކު ބ. ދަރަވަންދޫ އަދި ދ. ކުޑަހުވާދޫއަށް ދަތުރުތައް ފެށިނަމަވެސް، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުން އައިލެންޑު އޭވިއޭޝަނަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 16 (ސޯޅަ) މިލިއަން ރުފިޔާ (6 އިންސައްތަ) ވަނީ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބެއްކަމުގައި ބެލެވެނީ އެ ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށްދިޔަ ދުވަސްވަރުކަމުން، އެ އިންތިޚާބާ ގުޅިގެން ދަތުރު ކުރި މިންވަރު އިތުރުވަމުން ގޮސްފައިވުމެވެ. ނަމަވެސް މިދިޔަ އަހަރުގެ 2 އަދި 3 ވަނަ ކުއާޓާރގައި 2018 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ އާމްދަނީއަށްވުރެ، އާމްދަނީ ވަނީ ދަށްވެފައިކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.
އައިލެންޑު އޭވިއޭޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2013އިން 2018 ވަނަ އަހަރަށް، އެއް އަހަރުން އަނެއް އަހަރަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އަދި 2018 ވަނަ އަހަރު 2,177 (ދެހާސް އެއްސަތޭކަ ހަތްދިހަ ހަތެއް) މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމާއި، އަދި މި ޢަދަދަކީ 2013 ވަނަ އަހަރު (5 އަހަރު ކުރި) އާ އަޅާބަލާއިރު 113 (ސަތޭކަ ތޭރަ) އިންސައްތަ (1,157 މިލިއަން ރުފިޔާ) ގެ ކުރިއެރުމެއްކަމަށް އެކުންފުނިން ހާމަކުރެއެވެ.
ކުންފުނީގެ މައިގަނޑު 6 ޙިދުމަތަކުން އާމްދަނީ ލިބޭއިރު ކުންފުނީގެ ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ޙިއްސާއެއް އަދާކުރަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުން ލިބޭ އާމްދަނީއިންނެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުން 1,123 (އެއްހާސްއެއްސަތޭކަ ތޭވީސް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އެއަހަރުގެ ކުންފުނީގެ ޖުމްލަ އާމްދަނީގެ 52 (ފަންސާސް ދޭއް) އިންސައްތަ ޙިއްޞާއެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުން ލިބޭ އާމްދަނީ ފިޔަވައި ދެން އެންމެ ގިނައިން ކުންފުންޏަށް އާމްދަނީ ލިބޭ ޚިދުމަތްތަކަކީ ރާއްޖެއިން ބޭރުގެ އުދުހުންތަކުންނާއި، ސީ.އައި.ޕީ (ލައުންޖު) އަދި ސީޕްލޭން އޮޕަރޭޝަނުން ލިބޭ އާމްދަނީކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖެއިން ބޭރުގެ އުދުހުންތަކުން ޖުމްލަ 649.6 (ހަސަތޭކަ ސާޅީސް ނުވައެއް ޕޮއިންޓް ހަޔެއް މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 30 އިންސައްތަ) ލިބިފައިވާއިރު، ސީ.އައި.ޕީ (ލައުންޖު) އިން 181 (ސަތޭކަ އައްޑިހަ އެކެއް) މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 8 އިންސައްތަ) އަދި ސީޕްލޭން އޮޕަރޭޝަނުން ޖުމްލަ 155 (ސަތޭކަ ފަންސާސް ފަހެއް) މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 7 އިންސައްތަ) ކުންފުންޏަށް ލިބިފައިވާކަމަށެވެ.
އައިލެންޑް އޭވިއޭޝަނަކީ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ އެއަރލައިނެކެވެ. ރާއްޖޭގެ ޤައުމީ އެއަރލައިން "މޯލްޑިވިއަން" ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސަރވިސަސްއަށް މިއަހަރުވަނީ 20 އަހަރު ފުރިފައެވެ. އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރަމުން ގެންދާ މޯލްޑިވިއަން އެއާލައިންއިން ދަނީ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ އެކި މަންޒިލްތަކަށް ދަތުރުތައް ބާއްވަމުންނެވެ. އަދި ރާއްޖޭގެ ރިސޯޓުތަކަށް ސީޕްލޭން ދަތުރުތައް އޮޕަރޭޓުކުރަމުންނެވެ.