ޚަބަރު

އޮކްޓޫބަރ ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފާމަސީ ޤާއިމް ކުރަނީ


ކުރިޔަށްއޮތް އޮކްޓޫބަރު މަސްނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އާސައިންދައިން ބޭސްލިބޭ ފާމަސީތައް ޤާއިމުކުރާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.



މީޑިއާއަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަހީރު ވިދާޅުވީ މި މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެސްޓީއޯގެ  167 ފާމަސީ މިހާރު ހުޅުވާފައިވާކަމަށެވެ. މީގެ އިތުރުން މިތަންތަނުން ލިބެންހުންނަ ބޭސްތަކަކީ މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އެޕްރޫފްކޮށްފައިވާ ބޭސްކަމަށާ އަދި މިހާރު ގެންނަ ބޭސްތަކަށްވުރެވެސް ކޮލިޓީ ރަނގަޅު ބްރޭޑްތަކެއްގެ ބޭސްތަކެއްވެސް ކުރިޔަށް އޮތްތަނުގައި މާކެޓަށް ނެރެވޭނެކަމަށް އެސްޓީއޯން ބުނެއެވެ.



އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ސަހީރު ވިދާޅުވީ އެސްޓީއޯއިން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފާމަސީތަކުންް އާންމުގޮތެއްގައި އެންމެ ބޮޑަށް ބޭނުންޖެހޭ ހުރިހާ ބޭސްތަކެއްވެސް ލިބެންހުންނާނެކަމަށާއި، އަދި ބޭހެއް ހުސްވެފައިވާ ދަޑިވަޅަކާދިމާވި ނަމަވެސް އެބޭހެއް ފަހުންލިބޭނެ އިންތިޒާމްވެސް އެބޭސްފިހާރަތަކުން ހަމަޖައްސައިދޭނެކަމަށެވެ.



"ކޮންމެރަށަކަށްވެސް ފާމަސީއެއް ހުޅުވަމުންދާއިރު އަޅުގަނޑުމެން ރައްޔިތުންނަށްވެސް ހެލްތް ސެކްޓަރއަށްވެސް ދަންނަވާފައި އޮންނާނެ ބޭހެއްނެތިއްޔާ ބޭސްސިޓީ އެތާ ބާއްވާށޭ، އަޅުގަނޑުމެން އެ ބޭހެއް ގެންގޮސްދޭނަމޭ އެކޮޅަށް... އެހެންވީމާ ބޭހެއް ނެތިގެން ނުލިބިގެން މައްސަލައެއް ދިމައެއް ނުވާނެ އިރާދަކުރެއްވިއްޔާ" ސަހީރު ވިދާޅުވިއެވެ.



ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ ޚިދުމަތްލިބޭ ފާމަސީތައް ޤާއިމުކުރުމަށް އެސްޓީއޯއިން ކުރަމުންދާ މިމަސައްކަތްތަކަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޭސްލިބޭނެ އިންތިޒާމެއް ޤައިމުކޮށްދިނުމުގެ މަޤްޞަދުގައި ހެލްތް މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްގެން ކުރަމުންދާ މަސައްކަތްތަކެކެވެ.