ޚަބަރު

މިނިސްޓަރ އަމީން ވަކިކުރަން 24 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް މައްސަލަ ވައްދައިފި


ހެލްތު މިނިސްޓްރު ޢަބްދުﷲ އަމީންގެ އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައިވަނިކޮށް އެޕާޓީގެ 24 މެންބަރުންގެ ސޮޔާއިއެކު މިނިސްޓަރ އަމީން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިނިސްޓަރ އަމީން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައި ވަނީ މަޑަވެލިދާއިރާގެ މެންބަރު ޙުސައިން ފިރުޝާނެއެވެ. މިމައްސަލަ މަޖިލީހަށް ހުށައެޅުވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި މެންބަރު ފިރުޝާން ވިދާޅުވީ، ހެލްތު މިނިސްޓަރ އަބްދުالله އަމީން ވަޒީރުކަމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ކަމަކަށް ނުވާތީ، ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ(ހ)ގެ ދަށުން މިނިސްޓަރ އަމީން މިނިސްޓަރކަމުން ވަކިކުރުމަށް ރައްޔަތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވާކަމަށެވެ.

މިނިސްޓަރ އަމީން މަޤާމުން ވަކިކުރުމަށް މަޖިލީހަށްހުށައެޅުވި ލިޔުމުގައި ވަނީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ހެލްތް މިނިސްޓަރކަމުގެ މަޤާމުގައި ހުންނަވައިގެން، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާދިނުމަށް ތައްޔާރުވުމަށްޓަކައި ކުރި މަސައްކަތްތަކުގެތެރޭގައި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް އޯޑަރުކުރި ވެންޓިލޭރުތަކެއް ގެނައުމުގައި ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިމެނޭގޮތަށް އެމިނިސްޓްރީން ޢަމަލުކޮށްފައިވާކަމަށް ކުރި ތުޚުމަތުތަކާ ގުޅޭގޮތުން ކުރެވުނު ތަޙްޤީޤުތަކުން، ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލު ހިމެނޭކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓުން ސާފުކޮށް އެގެން އޮތްކަމަށެވެ.

އެހެންކަމުން އެކަމުގެ ޒިންމާ މިނިސްޓަރ އަބްދުﷲ އަމީން ނަންގަވަންޖެހިވަޑައިގަންނަވާނެ ކަމަށާއި އެއީ މިނިސްޓަރ އަމީންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގެ ގެއްލި، މަޖިލީހުގެ އިތުބާރު ހެލްތު މިނިސްޓަރުގެ މައްޗަށް ގެއްލިގެންގޮސްފައިވާ ޢަމަލެއްކަމަށް މައްސަލަ ހުށައެޅި ލިޔުމުގައި ބުނެފައިވެއެވެ.

އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުން މިނިސްޓަރ އަމީން އާއި ސުވާލުކުރުމުން، ތެދުނޫން މަޢުލޫމާތު މަޖިލީހަށް ދެއްވައި، ދަޢުލަތުގެ އިދާރާއަކަށް ދޮގުމަޢުލޫމާތު ދެއްވާފައި ވާކަން ސާފުވެފައި ވާތީ، ހެލްތު މިނިސްޓަރު އަމީން ވަޒީރުކަމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރުއޮތް ކަމަކަށް ނުވާކަމަށްވެސް އެލިޔުމުގައި ބުނެފައިވެއެވެ.

ހެލްތު މިނިސްޓަރ އަމީން މިނިސްޓަރކަމުން ވަކިކުރުމަށް މަޖިލީހަށް ހުށައަޅާފައި ވާއިރު، މިމައްސަލަ މަޖިލީހަށް ހުށައެޅުމާއި މެދު ގޮތެއް ނިންމުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ ތެރެއިން އަމީންގެ އިތުބާރު ނެތްކަމަށް ވޯޓް ދެއްވީ 27 މެމްބަރުންނެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީގެ ކޮށްފައިވާ މަސައްކަތްތަކީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެތްކެއް އޭސީސީގެ ތަޙްޤީޤުން ފެންނަން ނެތްކަމަށާ، މިކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ މިއަދު ވިދާޅުވެފައެވެ.