ޚަބަރު

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން ލޯނު ދެއްކުމަށް ސަރުކާރުން ލުއިދީފި


ސަރުކާރުން މަތީ ތަޢުލީމަށް ދޫކުރާ ލޯނަށް އަންބުރާ ފައިސާ ދެއްކުމުގެ މުއްދަތު އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަސްކޮށްދީފިއެވެ.

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކޯސް ނިއްމޭނެ ތާރީޙް ނޭނގި ކޯސް ދިގުލައިގެން ވަނީ ގޮސްފައެވެ. މިމައްސަލަ އެސްކޫލުގެ ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާއި ގުޅުން ހުރި އިދާރާތަކަށްވެސް ވަނީ ހުށަހަޅާފައެވެ. މިކަމާއި ގުޅިގެން މިނިސްޓްރީން ދަރިވަރުންނަށް ވަނީ ލޯނު ދެއްކުމުގެ މުއްދަތު އިތުރު ކޮށްދީފައެވެ.

މިކަމާއި ގުޅޭ ގޮތުން މިނިސްޓްރީން އެސްކޫލުގެ ސްޓޫޑެންޓް ޔޫނިއަން އަށް ފޮނުވި ސިޓީގައި، ވިދާޅުވީ އެމިނިސްޓްރީގެ މަތީ ތައުލީމަށް ދޫކުރާ ލޯނުގެ ދަށުން، ފްލައިން ސްކޫލުގައި 96 ދަރިވަރަކު ކިޔަވަމުންދާ ކަމަށެވެ. އެގޮތުން ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެން ދިއުމާއިއެކު ސަރުކާރުގެ ލޯނު އެހީގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަނަށް، ކޯސް ނިންމޭނެ ތާރީހަކުން ފެށިގެން 6 މަސްދުވަސް ފަހުން ފައިސާ އަނބުރާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކޯސް ނިންމާ ތާރީހެއް އެނގޭނެ ލިއުމެއް މިނިސްޓްރީއަށް ހުށަހެޅުމުން މިކަން ހަމަޖެހިގެންދާނެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި އުސޫލެއްގެ ގޮތުން ލޯނަށް ފައިސާ ދައްކަން ފަށަން އޮންނަނީ ކޯސް ނިމޭނެ ކަމަށް އެގްރިމެންޓުގައި ބަޔާންކުރާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތޭރޭގައެވެ. ނަމަވެސް އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުން ދަރިވަރުން ކޯސް ނިމޭނެ ތާރީހެއް މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށް ސިޓީގައި ވެއެވެ. އެހެން ކަމުން ދަރިވަރުންނަށް މާލީ އަދި ނަފްސާނީ ގެއްލުމެއް ވެދާނެ ކަމަށް ރިއާޔަތްކޮށް ދަރިވަރުން ކޯސް ނިންމޭނެ މުއްދަތަކުން ފެށިގެން 6 މަސް ދުވަސް ފަހުން ފައިސާ ދައްކަން ފަށާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އައްޑޫގައި އޭޝިއަން އެއިރޮނޮޓިކްސް އެކަޑަމީގެ ނަމުގައި ހިންގަމުންދާ ފްލައިން ސްކޫލުގެ ދަރިވަރުން ކޯސް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ، އުދުހުމުގެ ގަޑިތަށް ހަމަ ނުވެގެންނެވެ. އެގޮތުން ގަޑިތަށް ހަމަ ކުރުމަށް ގިނަ އަދަދެއްގެ ދަރިވަރުން ތިބި އިރު، އުދުހުމަށް ޝެޑިއުލް ކުރުމުގައި މުއްދަތު ދިގުލައިގެންދާކަމަށް ބައެއް ދަރިވަރުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކޯސް ނިންމުމަށް އަޅަން ޖެހޭ ޗެކް ރައިޑް އެޅުމަށް ބޭނުންކުރާނެ ބޯޓުވެސް ބޭނުން ނުކުރެވި ގިނަ ދުވަސް ވެފައިވާ ކަން ދަރިވަރުން ވަނީ ފާހަގަ ކޮށްފައެވެ. މިވަގުތު ޗެކް ރައިޑް އެޅުމަށް ބޭނުން ކުރަނީ އެންމެ ބޯޓެއް ކަމަށާއި، ނަމަވެސް މިއަހަރު ކުރީކޮޅުން ފެށިގެން އެބޯޓު މެއިންޓެނެންސްއަށް ގްރައުންޑު ކުރެވިފައިވާ ކަމަށް ދަރިވަރުން ބުނެއެވެ.

މިކަމާއި ގުޅިގެން ފްލައިން ސްކޫލުން ރަސްމީކޮށް ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ދަރިވަރުންގް ޕްރޮގްރެސް ރިޕޯޓު ހުށަހެޅުމަށް ފްލައިން ސްކޫލަށް އެކި ފަހަރު މަތިން އެންގި ނަމަވެސް އެފަރާތުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި ފްލައިން ސްކޫލުގެ ރެގިއުލޭޓް ކުރުމާއި އެހެނިހެން ކަންކަން ބަލަހައްޓަމުން ދަނީ ސިވިލް އެވިއޭޝަން އޮތޯރިޓީން ކަމަށެވެ.