ކޮވިޑްއާއި ގުޅިގެން ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަޖެޓް މިއަހަރު ކުޑަ ކުރިނަމަވެސް މިއަންނަ އަހަރު ބަޖެޓް ކުޑަކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ކޮވިޑާއި ގުޅިގެން ސަރުކާރުންވަނީ ހަރަދު ކުޑަކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. އެގޮތުން ޔޫތް މިނިސްޓްރީންވެސްވަނީ މިއަހަރު ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަޖެޓްވެސް ކުޑަކޮށްފައެވެ. މާޗް މަހުގެ ކުރީކޮޅުގައި މާލެއިން ކޮވިޑް19 ފެނުމާއި ގުޅިގެން މާލޭގައި ހިންގާ ކުޅިވަރު ހުރިހާ ހަރަކާތްތަކެއް ވަނީ ހުއްޓާލާފައެވެ. އަދި މިއަދާއި ހަމައަށްވެސް އެއްވެސް ކުޅިވަރު މުބާރާތެއް ބާއްވާފައެއް ނުވެއެވެ.
ހަރަދު ކުޑަކުރުމަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަޖެޓް ކުޑަކޮށްފައިވާއިރު، ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ކޮވިޑުގެ ހާލަތުންން އަރައިގަނެވި ކުރިއެކޭ އެއްގޮތަށް ކުޅިވަރު މުބާރާތްތައް ހިންގުމަށް ކެތްމަދުވެފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއަންނަ އަހަރު ކުޅިވަރު މުބާރާތްތަކާއި ރާއްޖެއިން ބޭރުގައި ކުޅުންތެރިން ހަދާ ތަމްރީނުތަކަށްވެސް ފުރުސަތު ދޭނެކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން މިނިސްޓްރީން މަސައްކަތްކުރާނެކަމަށެވެ. އަދި ރާއްޖެއިން މިހާރު ކޮމަންވެލްތުގައި ބައިވެރިވެފައިވާތީ ކޮމަންވެލްތު ގޭމްސް އާއި އެގޭމްސްއަށް ތައްޔާރުވުމަށްވެސް ތަމްރީންތައް ފުރިހަމަކުރުމަށް ބޭނުންވާ ފައިސާ ހޯދަން މަސައްކަތްކުރާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.
"މިއަހަރު އަޅުގަނޑުމެންވަނީ އެސޯސިއޭޝަންތަކުގެ ބަޖެޓްއިން ވަރަށް ބޮޑު ތަންމަދުކޮށްފަ، އެއީ ރާއްޖޭގެ ހާލަތަށް ބަލާފަ. އުއްމީދު މިކުރަނީ މިއަހަރުގެ ޑިސެންބަރު މަސް ނިމެންވާއިރަށް ކޮވިޑް19އަށް ކޮންމެވެސް ވަރެއްގެ ހައްލެއްލިބި، މިވައިރަސްއިން ރައްކާތެރިވެވޭނެކަމަށް. މިއަހަރު ބަޖެޓްއިން ކުޑަކުރިނަމަވެސް މިއަންނަ އަހަރުގައި އެސޯސިއޭޝަންތަކުގެ ބަޖެޓްއިން މަދުކުރުމުގެ ވިސްނުމެއް ނެތް. ކުރިން އެކޭ އެއްގޮތަށް ފައިސާ ދޫކުރުމުގެ އިތުރުން މުބާރާތްތަކާއި ރާއްޖެއިން ބޭރަށް ކުދިން ފޮނުވައިގެން ތަމްރީންތަށްވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނަން." މިނިސްޓަރ އަހުމަދު މަހުލޫފް ބުންޏެވެ.
މިއަހަރުގެ މާޗް މަހުންފެށިގެން ކުޅިވަރު މުބާރާތްތަށް ކުރިއަށް ނުގެންދިޔަ ނަމަވެސް ކުޅިވަރުގެ ވަސީލަތްތަށް ގާއިމް ކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކުވެނި ޓްރެކް ދަނޑުގައި ސިންތެޓިކް ޓްރެކެއް އެޅުމާއި ބައިނަލްއަގުވާމީ ފެންވަރުގެ ބިލިއާޑް ކުޅޭނެ ތަނެއް އެޅުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދާކަމަށާއި، އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ތިރީސް ރަށެއްގައި ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކޮށްލެވެއެވެ.