ޚަބަރު

ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓާމެދު ސުލޫކީ ފިޔަވަޅުއަޅަން ޖޭއެސްސީން ނިންމައިފި


ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ގއ. ގެމަނަފުށީ ރުއްދޮށުގޭގެ މިލްކުވެރިކަން ސާބިތު ކުރުމަށް، ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގައި ހިންގި ޤަޟިއްޔާގައި ޙުކުމްކުރި ގޮތާ ޚިލާފަށް، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އިސް މެޖިސްޓްރޭޓް ސޮއިކޮށްފައިވާކަމަށެވެ.

އެގޮތުން ގއ.ގެމަނަފުށީ ރުއްދޮށުގެއާ އެންމެހާ އިމާރާތްތަކާއި ރުއްގަހުގެ މިލްކުވެރި ފަރާތަކީ ގެމަނަފުށީ ރުއްދޮށުގޭ އަލްމަރުޙޫމް ޙުސައިން މަނިކު ކަމަށް ބަޔާންކުރުމުގެ ބަދަލުގައި، ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުން ފެށިގެން ޙުކުމާހަމައަށް ބަޔާންކޮށްފައިވަނީ ގއ.ގެމަނަފުށީ ރުއްދޮށުގޭ ޒައިދު ޙުސައިންގެ ނަންކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ އެއީ ފާޅުކަން ބޮޑުކޮށް އެ ރިޕޯޓުގައި އޮތް ލިޔުމުގެ ކުށެއްކަމަކަށްވީއިރު އެކުށް ފާހަގަނުވެ އަދި އެކުށް ހުރިކަން ނޭނގި އިސް މެޖިސްޓްރޭޓް ރިޕޯޓުގައި ސޮއިކޮށް މައްސަލާގައި ހިމެނޭ ފަރާތްތަކަށް ރިޕޯޓު ދޫކުރުމަކީ، ގަސްތުގައި ކޮށްފައިވާ ކަމެއް ކަމުގައި ނުވިނަމަވެސް، އެކަމަކީ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރު ފަރުވާކުޑަކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއްކަން ސާބިތުވާކަމަށެވެ.

އިސް މެޖިސްޓްރޭޓް އިބްރާހީމް މުނީރުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށްވެސް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އަޅާ ފިޔވަޅެއްގެ ގޮތުން އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރަށް ނަސޭހަތް ދިނުމާއެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، އެކޮމިޝަނުންވަނީ ނިންމާފައެވެ.