ޚަބަރު

ޒުވާނުންނަށް އަމާޒުކޮށްގެން ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހުން ބޮޑު - މިނިސްޓަރ މަޚްލޫފް


މި ސަރުކާރުން މިވީ މުއްދަތުގެ ތެރޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ކޮށްފައިވާ މަސައްކަތްތަކާމެދު ހިންހަމަޖެހުން ބޮޑުކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޔޫތު ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ސާޅީހަކަށް އިންސައްތަ މަސައްކަތް ކުރެވެމުންދަނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުންކަމަށެވެ.

"މޯލްޑިވްސް ޔޫތް ކޭމްޕް 2020" ފެށުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މަޚުލޫފް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެ މިވީ މުއްދަތުގެ ތެރޭގައި ޒުވާނުންނާއި ގުޅުހުންހުރި ދާއިރާތަކުން ގިނަ ކަންތައްތަކެއް ކުރެވި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގެ ތާރީޚުގައިވެސް މީގެ ކުރިން މަތީ ތަޢުލީމަށް ހާސިލުކުރުމަށް ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދީފައި ނުވާ މިންވަރަށް އެ ފުރުޞަތުވެސް ފަހިކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޒުވާނުން ބިނާކުރުމަށް ގިނަ ޚަރަދުތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް އެސްޑީއެފްސީއާ ބައެއް ބޭންކުތައް މެދުވެރިކޮށް އެތައް ސަތޭކަ ޒުވާނުންނަށް ވިޔަފާރިތައް ފެށުމުގެ މަގު ވެސް ސަރުކާރުން ތަނަވަސްކޮށްދީފައިވާކަމަށެއެވެ.

މީގެ އިތުރުން އެކި އެކި ވުޒާރާތަކާއި ގުޅިގެން ކުރި މަސައްކަތުން އެތައް ހާސް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަމަށްވެސް މިނިސްޓަރ މަޚުލޫފް ވިދާޅުވިއެވެ. އަދި ކުޅިވަރު ކުރިއެރުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނސިްޓަރ ވިދާޅުވިއެވެ.

"ކުޅިވަރު ކުރިއަރުވައި އެހެން ހަރުފަތަކަށް ގެންދިއުމަށް ދިވެހި ތާރީޚުގައިވެސް ދަޢުލަތުގެ ބަޖެޓުން ޚަރަދު ނުކުރާވަރަށް ކުޅިވަރަށް ޚަރަދުކޮށް، ކުޅިވަރު ފެސިލިޓީސްތައް ޤާއިމްކޮށް، އެތްލީޓުންނަށް ރަނގަޅު ތަމްރީނުދީ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓުކޮށް ރާއްޖެއަށް ރަން ވަނަތަކެއް ހޯދައި ދިވެހި ޒުވާނުންވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައި" މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރ ވިދާޅުވީ އަންހެނުންނާއި ފިރިހެނުންގެ ޖިންސީ ތަފާތުކުރުންތައް ނައްތާލައި ޤައުމީ އެތްލީޓުންނަށްދޭ މުސާރައާ އިނާމު ފައިސާއަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ސަރުކާރުން މިހާރު ގެނެސްފައިވާކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށާއި، ފަންނުވެރި ޒުވާނުން އުފެއްދުމަށް މަސައްކަތްތަކާއި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޒުވާނުންނަށް ކަންކަމުގައި ޚިޔާލުފާޅުކޮށް މިނިވަންކަމާއެކު ބިރެއްނެތި ބަސްބުނުމުގެ ފުރުޞަތު ރާއްޖޭގައި އެބައޮތްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމަށް ޒުވާނުންގެ ޚިޔާލާއި މަޝްވަރާ އާއި ފާޑުކިއުންތައް ބަލައިގަންނާނެކަމަށެވެ. އަދި ޚިޔާލުފާޅުކުރުމުގައި ކަންކަމުގެ ހައްލު ދަކައިދިނުމަށްވެސް މިނިސްޓަރ މަޚުލޫފުވަނީ ޒުވާޏުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިއަދު ފެށި "މޯލްޑިވްސް ޔޫތް ކޭމްޕް 2020" ޝަރަފުވެރިކޮށްދެއްވައި ކޭމްޕުގެ މަސައްކަތްތައް ފައްޓަވައިދެއްވީ ޔޫއެންޑީޕީ މޯލްޑިވްސްގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ އާއި ޔުނިސެފް މޯލްޑިވްސްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރު ސަފީއުއްދީންއެވެ.

"ޔޫތް ޕީސް އެންޑް ސެކިއުރިޓީ" ނުވަތަ ޒުވާނުންނާއި ސުލްހަ މަސަލަސްކަން މި ޝިޔާރުގެ ދަށުން ފެށި "މޯލްޑިވްސް ޔޫތް ކޭމްޕް 2020"އަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުމުގެ މަޤްސަދުގައި ފެށި ކޭމްޕެކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕްގެ ޤަރާރެއް އެކުލަވައިލައި، އެ ޤަރާރު ސަރުކާރާއި ޙިއްސާކުރާނެކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.