ޚަބަރު

މުވައްޒަަފަކު ސަސްޕެންޑްކުރާނަމަ އެކަން ސީއެސްސީއަށް އެންގުމަށް އެދިއްޖެ


ސަރުކާރުގެ ބައެއް އިދާރާތަކުން މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރުމަށްފަހު އެކަން ސިވިލް ސަރވިސްކޮމިޝަނަށް އަންގަމުންނުދާކަން ފާހަގަކުރެވިފައިވާތީ އެކަން ތަކުރާރު ނުކުރުމަށް އެ ކޮމިޝަނުން އަންގައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން، ސަރުކާރު އޮފީސްތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންނަށް ފޮނުވި ސިޓީއެއްގައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ހާލަތެއް މެދުވެރިވެގެން މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24ގަޑިއިރުގެ ތެރޭގައި ސީއެސްސީއަށް ހުށަހަޅަންވާނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، ބައެއް އިދާރާތަކުން އެފަދައިން އަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން، ކުރިއަށްއޮތްތަނުގައި އެފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ހުރިހާ އިދާރާއަކުން ވެސް ޢަމަލުކުރެއްވުމަށް އެކޮމިޝަނުންވަނީ ދަންނަވާފައެވެ.

މީގެ އިތުރުން މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި ނަމަ، އެކަންވެސް ލަސްނުކޮށް ސީއެސްސީއަށް އެންގެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެކޮމިޝަނުންވަނީ ދަންނަވާފައެވެ. އަދި، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން އެ ކޮމިޝަނަށް ފޮނުވުމުގައި އެ އިދާރާއަކުން އިހުމާލުވާ މުވައްޒަފުންނާމެދު ސިވިލް ސަރވިސް ޤަވާއިދުގެ ތެރެއިން އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އިދާރާތަކުން ޤަވާއިދުން އަޅުއްވަމުން ގެންދެވުމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.