މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއަށް މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ ކުއާޓާރުގައި 350 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އޭގެކުރީ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 248 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 41 އިންސައްތަ އިތުރުވެފައެވެ. މިދިޔަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީވެސް އޭގެކުރީ ކުއާޓަރާ އަޅާބަލާއިރު އިތުރުވުމެކެވެ.
އެމްޓީސީސީން ބުނީ މިދިޔަ ކުއާޓަރގެ އާމްދަނީ އިތުރުވެފައި މިވަނީ، ކުންފުނީގެ މަޝްރޫއުތައް ކުރިއަށް ގޮސްފައިވާތީއެވެ. އެގޮތުން އެންމެ ބޮޑަށް މިކުއާޓާރގައި ކުރިއެރުމެއް ލިބިފައިވަނީ ޓްރޭޑިންގް އާއި ބިންހިއްކުމުންކަމަށް އެކުންފުނިން ފާހަގަކުރައްވައެވެ. އަދި އިމާރާތްކުރުމުގެ ދައިރާއިން އެކުންފުންޏަށް މިކުއާޓާ 51 މިލިއަން ރުފިޔާ ވަނީ ހޯދިފައެވެ.
މިއަހަރުގެ ބާކީއޮތް ބަޔަށް އެކުންފުނިން ލަފާ ކުރާގޮތުގައި، ކުންފުނީގެ ޓްރާންސްޕޯޓް އަދި ޓްރޭޑިންގް ވިޔަފާރިއަށް ކޯވިޑް-19އިގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ. އަދި މިކަން އަންނަ އަހަރުގެ މެދާއިތެރޭގައި ފަތުރުވެރިކަން ހަމައަކަށް އެޅުމާއި ހިސާބަށް ދެމިގެންދާނެކަމަށް އެކުންފުނިން ލަފާކުރެއެވެ.
އެކުންފުނިން މިއަހަރު ނިމޭއިރު، 1.35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބޭނެކަމަށް އެމްޓީސީސީން ވަނީ ލަފާ ކޮށްފައެވެ.
އެމްޓީސީސީގެ ތަފާސް ހިސާބުތަައް ދާއްކާގޮތުން މިއަހަރުގެ މިހާތަނަށް އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި، 952 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި ފައިދާގެ ގޮތުގައި 140 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ. މިއީ އެމްޓީސީސީ ތާރީހުގައިވެސް ފުރަތަމަ 9 މަހުގެ ތެރޭ ލިބުނު އެންމެ ބޮޑު ފައިދާ ކަމަށް އެކުންފުނިން ވަނީ ހާމަ ކޮށްފައެވެ.
އެމްޓީސީސީން މިކުއާޓާގެ ތެރޭގައި 70 މަޝްރޫއެއް ދިޔައީ ހިންގަމުންނެވެ. އޭގެ ތެރެއިން 11 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އެގޮތުން ވ. ފުލިދޫ ބަނދަރު ހެދުމުގެ މަޝްރޫއާއި، ގ.ދ ތިނަދޫ އައިސްޕްލާންޓް ބަހައްޓާ ސަރަހައްދުގެ ބަނދަރު އެތެރެ ތޮށިލުމުގެ މަޝްރޫއުގެ އިތުރުން، ހ.އ ކެލާ ބަނދަރުގެ ފޭސް 2 ގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ލ. މައިބާދޫ ބަނދަރުގެ އާ ނެރުގެ މަސައްކަތާއި، ހުޅޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.