ދުނިޔޭގެ ވިޔަފާރި

ގެއްލުން ބޮޑުވެ ލުފްތަންސާގެ ފިނި މޫސުމުގެ ދަތުރުތައް މަދުކުރަނީ


ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވެ ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ފިނި މޫސުމުގައި ކުރަން ރާވާފައިވާ ދަތުރުތަކުގެ އަދަދު މަދުކޮށްފިއެވެ.

ލުފްތަންސާއިން މިމަހުގެ ކުރީކޮޅު ވަނީ މިއަހަރުގެ ފިނި މޫސުމުގައި އެ އެއަރލައިންގެ ދަށުން ހިނގާ އެއަރލައިންތަކުން މިއަހަރު ފްލައިޓް އޮޕަރޭޝަން މިދިޔަ އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑަށް މަދުކުރާނެކަން އިއުލާންކޮށްފައެވެ. އެގޮތުން މިއަހަރުގެ ފިނިމޫސުމުގައި އޮަޕަރޭޓްކުރާނީ މިދިޔަ އަހަރު އޮަޕަރޭޓްކުރި އަދަދުގެ 25 އިންސައްތަކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ. ލުފްތަންސާއިން ވަނީ އަލަށް ގެނައި ބަދަލުގެ ދަށުން ލުފްތަންސާގެ ދަށުން ހިންގާ ޔޫރޯ ވިންގްސްއާއި، ސްވިސް، އޮސްޓްރިއަން އަދި ބްރަސަލްސް އެއަރލައިނުން 125 އަށްވުރެ ގިނަ މަތިންދާ ބޯޓު މި މޫސުމުގައި އެއްވެސް ވަރަކަށް އޮޕަރޭޓް ނުކުރާނެކަމަށް ބުނެފައެވެ.

މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ބޮޑު ފައިދާއެއްގައި ވޭތުވެދިޔަ އަހަރުތަކުގައި ހިންގި އެއަރލައިންއަށް ކޯވިޑްގެ ސަބަބުން ފައިދާއެއް ނުވެ ހޫނު މޫސުމުގައިވެސް ގެއްލުމުގައި އޮޕަރޭޓްކުރަންޖެހުންކަމަށް ލުފްތަންސާއިން މަޢުލޫމާތުދެއެވެ. އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، ދަތުރުފަތުރު އެންމެ ގިނަވާ ފިނި މޫސުމުގައިވެސް މިއަހަރު ދަތުރުތައް އެކަށޭނަގޮތެއްގައި ކުރިނާރާނެކަމަށް ލުފްތަންސާއިން ވަނީ ލަފާކޮށްފައެވެ. މި ސަބަބަށްޓަކައި ގިނަ މަތިންދާބޯޓުތަކެއް އެއްފަހަރާ އޮޕަރޭޓްކޮށް ޚަރަދު ބޮޑުކުރުމުގެ ބަދަލުގައި އިޤްތިޞާދީ މި ކާރިސާއިން ކުރާ އަސަރު ކުޑަކުރުމަށް އަމާޒު ހިފާފައިވާކަމަށް އެ އެއަރލައިނުން ބުނެއެވެ.

ލުފްތަންސާގެ އޮޕަރޭޝަންއަށް ގެނައި ބަދަލުގެ މަޢުލޫމާތު މުއައްޒަފުންނާއި ހިއްސާކުރުމަށް ފޮނުވި ސިޓީއެއްގައި އެއަރލައިންގެ ޗީފް އެކްޒެކެޓިވް ކާރސްޓެން ސްޕޯރް ވަނީ ގެއްލުމުގައި ކުންފުނި ހިންގަން ޖެހުނުކަމުގައިވިޔަސް މުއައްޒަފުންނަށް ވީހާވެސް ދަތި ނުވާނެގޮތައް ކުންފުނި ހިންގުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއްވެސް މުވައްޒަފަކު ވަކިނުކޮށް ކުންފުނި ހިންގުމަށް މަސައްކަތްކުރަމުންދާއިރު، އަލަށް ގެނައި ބަދަލާއެކު މުއައްޒަފުން މަސައްކަތް ކުރަންޖެހޭ ވަގުތު މަދުވާނެކަމަށް ކާރސްޓެން ސްޕޯރް ވިދާޅުވިއެވެ. އަދި ޖަރުމަނު ސަރުކާރުންދޭ މާލީ އެހީގައި އިދާރީ މުއައްޒަފުން ކުންފުނީގައި ދަމަހައްޓާނެކަމަށް އޭނާ ވަނީ ސިޓީގައި ބަޔާންކޮށްފައެވެ.

ލުފްތަންސާގެ އޮޕަރޭޝަން ކުޑަކުރަން ނިންމާފައި މިވަނީ އެ ކުންފުންޏަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި 1.6 ބިލިއަން ޔޫރޯގެ ގެއްލުމާއި ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.