ޚަބަރު

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވައިިފި


ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓް އިލެކްޝަންސް ކޮމިޝަނުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިިފިއެވެ.

އެ އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާފައި ވަނީ މިއަދުކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިޞްލާހުތަކާގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައި އެިލްކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން ގިނަ އިސްލާޙުތަކެއް ޑްރާފްޓްގައި ހިމަނާފައި ވާނެކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި، އެކަން ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުގައި ބަޔާންކުރަން ލާޒިމުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްވަނީ ވިދާޅުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި ޕާޓިތަކުގެ ދަރަނީގެ މައްސަލަ ވަރަށް ބޮޑު މައްސަލައަަކަށްވެފައި ވާކަމަށާއި، ޕާޓީތަކަށްވެސް އެކަމުގެ އުނދަގޫތައް ކުރިމަތިވަމުން އަންނައިރު، ޕާޓިތަކުގެ ލީޑާޝިޕް ބަދަލުވާއިިރު އެޕާޓިތަކުގެ ދަރަނި ހާމަކުރަންޖެހޭ ގޮތަށާއި، ކޮންމެ އަހަރަކު ހުށައަޅާ އަހަރީ ރިޕޯޓްގައިވެސް އެޕަޓީއެއްގެ އޮތް ދަރަނި ހާމަކުރަންވެސް އައު އިޞްލާހުތަކުން ލާޒިމްކުރާނެކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިތުރު އިސްލާޙުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަފްތަރަކަށް ހެދުމާއި، ޕާޓީތަކުގެ ލީޑަރޝިޕްގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުުރުން ވެސް ހިމެނެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވާތާ ގިނަ ދުވަސްތަކެއްވެފައި ވާއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ކުރާ މަސައްކަތަކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތެއް ނޫންކަމަށާއި، އެއީ ޕާޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެގޮތުން އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކުރާ މަސައްކަތެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.