ޚަބަރު

"ފަސްކުރި" ދޯނީގެ ވެރިފަރާތާ ދޯނި ހަވާލުކުރުމުގެ ވަގުތީ އަމުރެއް ނެރެފި


"ފަސްކުރި" ދޯނި އެދޯނީގެ ވެރިފަރާތްކަމުގައިވާ ލ.ގަން ތުނޑީ އިހުރާމުގޭ އިދުރީސް ޙުސައިނާއި ހަވާލުކުރުމުގެ ވަގުތީ އަމުރެއް ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ލ. ގަން މެޖިސްޓްރޭޓް ކޯޓުން ނެރެފިއެވެ.

"ފަސްކުރި" ދޯނި ގަތުމުގެ އެގްރީމެންޓާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ދޯނީގެ ވެރިފަރާތުން ގަން މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން ނެރުނު ވަގުތީ އަމުރުގައި ވަނީ މިމައްސަލައިގައި ދޯނީގެ ވެރިފަރާތުން ހުށައަޅާފައިވާ ކަންކަމަށް ބަލާއިރު ވެރިފަރާތުގެ އިޒުނައެއްނެތި އެއްވެސް ފަރާތަކުން ފަސްކުރި ދޯންޏަށް އަރައި ފޭބުމާއި އޭގައި އެހެން ބަޔަކު ތިބުމަކީ ވެރިފަރާތަށް އިއާދަކުރަން ދަތިވާފަދަ ބޮޑު ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ޝަރީޢަތަށް ފެންނަކަމަށެވެ.

އެހެންކަމުން ދޯނީގެ ވެރިފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން
ނުވަތަ ޝަރީޢަތުން އެހެން ގޮތަކަށް އަންގަންދެން "ފަސްކުރި" ދޯނި، އެދޯނީގެ ވެރިފަރާތްކަމުގައިވާ އިދުރީސް ޙުސައިނަށް ދޯންޏާއި ދޯނީގައިވާ އެންމެހައިތަކެތި ވަގުތުން ހަވާލުކުރުމަށް ރިޗް ކުލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކުރާކަމަށެވެ.

އަދި މިވަގުތު ފަސްކުރި ދޯނީގައި ތިބި އެންމެހައި ފަރާތްތައް، އެ ފަރާތެއްގެ އަމިއްލަ އެއްޗެއް ދޯނީގައި ހުރިނަމަ ދޯނީގެ ވެރިފަރާތުގެ ހުއްދައާއެކު، އެފަރާތެއްގެ ތަކެއްޗާއެކު މި ޢަމުރު ލިބޭތާ ގިނަވެގެން 6ގަޑިއިރުގެ ތެރޭގައި ދޯނިން ފޭބުމަށް، ގަމު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އަންގާފައެވެ.

އެގޮތަށް ދޯނީގައި ތިބި ފަރާތްތަކުން ޢަމަލު ނުކޮށްފިނަމަ، މި ވަގުތީ އަމުރު ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ގަން މެޖިސްޓްރޭޓްކޯޓުން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށްފައެެވެ.

މިމައްސަލަ ހުށައެޅި ފަސްކުރި ދޯނީގެ ވެރިފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރިޗްކްލަބް މޯލްޑިވްސް އާއެކު "ފަސްކުރި" ދޯނި، ގަނެ ވިއްކުމުގެ އެއްބަސްވުމުގައިވާ ގޮތަށް އެފަރާތުން ގަންނަ އަގު އަދާކޮށްފައި ނުވާކަމާއި، އެމް.ޓީ.ސީސީންނެގި އިންޖީނު އަގު އަދާނުކުރުމުގެ އިތުރުން އިންޖީނުގެ އަގު ދެއްކުމާއި، މައްސަލަ ރައްދުވާ ފަރާތުން ޚިލާފުވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުމާ ޚިލާފްވެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމުގައި ކަނޑައަޅައި، އެ މައްސަލަ ހުށަހަޅާ ފަރާތާއި ދޯނި މާލުކުރުމާއި ހަމައަށް ހިނގާފައިވާ އެންމެހައި ދުވަސްތަކަށް ގަންނަ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ އެދުވަސްތަކުގައި މައްސަލަ ރައްދުވާ ފަރާތުން ދޯނީގެ ކުލީގެ ގޮތުގައި މައްސަލަ ހުށަހަޅާ ފަރާތަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅުއްވައިދެއްވުމަށް ވަނީ ހުށައަޅާފައެވެ.

އަދި ވެރިފަރާތަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް ދޯންޏާ ހަވާލުވުމަށް ކުރެވުނު މަސައްކަތުން ތިން ވަނަ ފަރާތަކުން ދޯނީގައި ތިބެ ދޯނިން ފޭބުމަށާއި، ދޯނީގައިވާ ތަކެތި ބޭލުމަށް ދެކޮޅުހަދަމުން ގެންދާތީ، ލިބެމުންދާ ގެއްލުން ކުޑަކޮށް އިޔާދަ ނުކުރެވޭފަދަ އިތުރު ގެއްލުންތަކެއް ވެދާނެކަމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށްވެސް ވަނީ ބުނެފައެވެ.

ފަސްކުރި ދޯންޏަށް ފައިސާ ނުދައްކާތީ އެ އުޅަނދު އަތުލަން ކަމަށް ބުނެ، ވަޑިނޮޅު ކައިރީގައި ދޯނި އޮއްވައި ތޫނުު އެއްޗެއްސާއި ދަގަނޑު ހިފައިގެން ބަޔަކު ވަނީ މިމަހުގެ 25ވަނަ ދުވަހުގެރޭ އެ ދޯންޏަށް އަރާފައެވެ. އެކަމާއި ގުޅިގެން ފުލުހުން ވަނީ ރޭ 3 މީހަކު ހައްޔަރު ކޮށްފައެވެ.