ޚަބަރު

ކޯވިޑް-19 : އިތުރު 35 މީހުން ޕޮޒިޓިވްވެ، 89މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން އިތުރު 35 ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 11,567އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:00އިން އަންގާރަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 26މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 9 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 35 މީހުންގެ ތެރެއިން 24 މީހުންނަކީ ދިވެހިންނެވެ. އަނެއް 11 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11,567މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. ބަލިޖެހުނު މީހުްގެ ތެރޭޭގައި ހިމެނެނީ 7375 ދިވެހިންނާއި، 4192 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 89 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10652އަށް އަރާފައެވެ. މިއީ މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 91އިންސައްތައަށްވުރެ ގިނައިން މީހުނެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 30 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 37 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ހާހަކަށްވުރެ ދަށަށްގޮސްފައިވާއިރު މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 871އެވެ. އަދި 320މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި އެޑްމިޓްކޮށްގެން 47މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރޭގައި ށ. ފުނަދޫ ފެސިލިޓީ އާއި ބ. އެދަފުށީގައު ހުންނަ ކޯވިޑް-19އަށް ފަރުވާދޭ ފެސިލީޓީގައި ފަރުވާދޭ މީހުން ހިމެނެއެވެ. އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުން ދަނީ އެކަކަށެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ހދ. ހުޅުދުއްފުއްޓާއި، ރ. އުނގޫފާރެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި1517ސާމްޕަލެއް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 23 ރަށަކުންނާއި، 23ރިސޯޓެއްގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 31 ދިވެހިންނަށާއި، 14 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 28 ފަތުރުވެރިއަކާއި، 83 މުވައްޒަފަކު މިވަގުތު ޕޮޒޮޓިވްވެފައި އެބަތިބިކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.