ޚަބަރު

ތޫނު ހަތިޔާރާއެކު "ފަސްކުރި" ދޯންޏަށް އަރައި ހިންގީ ޓެރަރިޒަމްގެ ޢަމަލެއް: ޖާބިރު


މަސްވެރިކަން ކުރަމުންދިޔަ "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު އަރައި ހިންގީ ޓެރަރިޒަމްގެ ޢަމަލެއްކަމަށް އެދޯނި ގަނެފައިވާ ރިޗް ކްލަބް މޯލްޑިވްސްގެ ހިއްސާ އޮންނަ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅު އެތެރެވަރިން ވަޑިނޮޅު ކައިރީގައި އޮތް "ފަސްކުރި" ދޯންނަށް ތޫނު ހަތިޔާރާއެކު އަރައި ހަމަނުޖެހުން ހިންގި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފައި ވާއިރު، އެދޯނީގެ ވެރިފަރާތާއި ދޯނި ހަވާލުކުރުމުގެ ވަގުތީ އަމުރެއް ލ. ގަމު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ ނެރެފައެެވެ.

މިކަމާއި ގުޅިގެން ރިޗް ކުލަބު މޯލްޑިވްސްގެ އެއް ހިއްސާދާރެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ޝަރީއަތަކާއި ނުލައި "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު އަރާފައި ވަނީ އެދޯނި މަސްވެރިކަމުގައި އުޅެމުންދަނިކޮށްކަމަށެވެ.

ޖާބިރު ވިދާޅުވީ މިއީ ރާއްޖޭގެ ދެކުނުގެ އެންމެ ގިނައިން މަސްވެރިކަން ކުރާ ސަރަހައްދުތަކުގެ މަސްވެރިންނަށްވެސް އޮތް ބިރުވެރިކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އަމާންކުރުމަށް ޖާބިރުވަނީ ސަލާމަތީ ބާރުތަކަށް ގޮވާލާފައެވެ.

ޖާބިރު ވިދާޅުވީ ފަސްކުރި ދޯނިގަތް އޭނާގެ ހިއްސާއޮންނަ ރިޗް ކްލަބުންދިޔައީ ދޯންޏަށް ފައިސާ ދައްކަމުންކަމަށެވެ. އަދި އެގޮތަށް ހަތިޔާރާއެކު ދޯންޏަށް އެރުމަކީ ޓެރަރިޒަމްގެ ޢަމެއްލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ރިޗް ކްލަބް މޯލްޑިވްސްއިން ފަސްކުރި ދޯންޏަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ދަނިކޮށް ދެފަރާތް ދޭތެރޭގައި އޮތް މައްސަލައެއް ޝަރީޢަތް މެދުވެރިކޮށް ނިންމުމުގެ ބަދަލުގައި ޢަމަލުކުރީ ތޫނު ހަތިޔާރު ހިފައިގެން އައްޑޫގެ މަސްވެރިން މަހަށް ގޮސް އެންދަމަން ތިއްބާ އިދުރީސް އަމަލުކުރި ގޮތަކީ ޤާނޫނާއި ޝާރީޢަތް މެދުވެރިކުރުމާ ޚިލާފަށް ސީދާ ޓެރަރިޒަމްގެ ޢަމަލެއް ހިންގީ" އަބްދުﷲ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މި މައްސަލާގައި ދޯނީގެ ވެރިފަރާތާ ހަވާލުކުރުމުގެ ޢަމުރެއް ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ނެރެފިއިވަނީ ރިޗް ކްލަބް މޯލްޑިވްގެ އެއްވެސް ބަހެއް ހޯދުމެއް ނެތިކަމަށާއި އެއީ ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

"ފަސްކުރި" ދޯންޏަށް ދައްކަންޖެހޭ ފައިސާ، ރިޗް ކްލަބުން ދައްކަމުންދާކަމަށް ޖާބިރު ވިދާޅުވެފައިވާއިރު، މިމައްސަލަ ފަސްކުރި ދޯނީގެ ވެރިފަރާތުން ދޯނި އަނބުރާ ނެގުމަށް އެދި ކޯޓަށް ހުށައަފައިވާ ކަންކަމުގެ ތެރޭގައި ރިޗްކްލަބް މޯލްޑިވްސް އާއެކު "ފަސްކުރި" ދޯނި، ގަނެ ވިއްކުމުގެ އެއްބަސްވުމުގައިވާ ގޮތަށް އެފަރާތުން އަގު އަދާކޮށްފައި ނުވާކަމާއި، އެމް.ޓީ.ސީސީންނެގި އިންޖީނު އަގު އަދާނުކުރުމުގެ މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ.