ޚަބަރު

އިންތިޤާލީ އިންސާފުގެ ޤާނޫނާއެކު ލާއިންސާނީ އަމަލުތައް ހުއްޓުވޭނެ: އަހުމަދު ރަޝީދު


އިންތިޤާލީ އިންސާފުގެ ބިލު ޤާނޫނަކަށްވުމުން ރާއްޖޭގައި ހިންގާ ލާއިންސާނީ އަމަލުތަށް ހުއްޓުމަކަށް އައިސް އެފަދަ އަމަލުތަކުން މުސްތަގުބަލުގައި މުޖުތަމަޢު ސަލާމަތްކުރެވޭނެކަމަށް ބިލު މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މެންބަރު އަހުމަދު ރަޝީދު މިހެން ވިދާޅުވީ، 2012ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އިންތިޤާލީ އިންސާފުގެ ބިލަށް ޚިޔާލު ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މެންބަރު އަހުމަދު ރަޝީދް ވިދާޅުވީ އިންތިގާލީ އިންސާފުގެ ޤާނޫނު ވެގެންދާނީ އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހުއްޓުވުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ކަމަށާއި، ވޭތުވެ ދިޔަ ދުވަސްތަކުގައި އަނިޔާވެރިކަން ތަހައްމަލުކުރި މީހުނަށް ވެސް މި ބިލު ޤާނޫނަކަށްވުމުން އިންސާފު ހޯދައިދެވެނެކަމަށެވެ.

އަދި މި ޤާނޫނާއެކު އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފައްދައި އޮމްބަޑްސްމަންގެ މަސައްކަތްތައް މޮނިޓަރ ކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިގެންދާނެކަމަށް މެންބަރު ވިދާޅުވިއެވެ.

މި ބިލު ދިރާސާކުރާ ކޮމިޓީތަކުން ކުރާ މަސައްކަތްތައް ހިއްސާާކުރައްވަމުން ބިލް ދިރާސާ ކުރަމަށް އުފައްދާފައިވާ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއި ޖުޑިޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީގެ މުޤައްރިރު ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވީ މި ބިލުގެ ދަށުން ބެލޭނެ މައްސަލަތަކާއި މައްސަލަތައް ބަލާނީ ކޮން މުއްދަތެއްކަން ދެނެގަތުމަށް މަޝްވަރާ ކުރެވެމުންދާކަމަށެވެ.

މި ބިލުގެ މަޤުސަދަކީ ހަމައެކަނި ބަޔަކަށް އަދަބު ދިނުން ނޫންކަމަށާއި އިންތިގާލީ އިންސާފުގެ ތެރެއިން ކުރެވޭނެ މަސައްކަތްތަކާއި އަނިޔާވެރިކަމާ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދިނުމާއި އަނިޔާތައް ތަހައްމަލްކުރާ މީހުންނަށް ބަދަލު ދިނުމުގެ މަޝްވަރާތައްވެސް ކުރައްވަމުން ގެންދަވާކަމަށް ޙަސަން ލަތީފު ވިދާޅުވިއެވެ.

އިންތިޤާލީ އިންޞާފުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމް ބައްދަލުވުމުގައި ބިލާ ގުޅޭގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި، އަލްޖަޒީރާގެ ނޫސްވެރިޔާ ޒަހީނާ ރަޝީދުވެސް ވާހަކަފުޅުދެއްކެވިއެވެ.

ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށައަޅާފައި ވަނީ 2012އިން 2018އާ ހަމައަށް، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައި ދިނުމެވެ.

ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފު ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ޚާއްސަކޮށް ނިމިދިޔަ 5 އަހަރުގައި ނުހައްގުން އަނިޔާލިބި އިންސާފު ލިބިފައި ނުވާ ފަރާތްތަކަށް އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.