ޚަބަރު

ފޭރެން އުޅުނު މީހުން ހުއްޓުވި، ސެކިއުރިޓީ ގާޑަށް ބައިލައްކަ ރުފިޔާގެ އިނާމެއް


"ރޫޓް' ފިހާރައިގެ ގިނަ ޢަދަދެއްގެ ފައިސާ ބޭންކަށް ޖަމާކުރަން ގެންދިޔަ މަގުމަތީގައި ފޭރިގަންނަން ބަޔަކު އުޅުމުން އެކަން ހުއްޓުވި ސެކިއުރިޓީ ގާޑަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްދީފިއެވެ.

މިދިޔަ އާދީއްތަ ދުވަހު 11:40 އެހާއިރު ރޫޓް ފިހާރައިން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ހަތަރު މީހަކުވެގެން ފޭރެން އުޅުމުން އެކަން ހުއްޓުވީ އެތަނުގައި ހުރި "އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން"ގެ ސެކިއުރިޓީ ގާޑާއި، ރޫޓުގެ ތިން މުވައްޒަފެކެވެ.

އެމީހުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ރޫޓް ފިހާރަ ހިންގާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުންވަނީ ހަނދާނީ ފިލަޔާއި ފައިސާގެ އިނާމް އެމީހުންނަށްދީފައެވެ.

ބަޔަކު ފޭރެން ކުރި މަސައްކަތް ފެއިލްކޮއްލައި ފައިސާ ސަލާމަތްކުރި ސެކިއުރިޓީ ގާޑް، މުޙައްމަދު ޙަސަން މަނިކަށް ހަނދާނީ ފިލަޔަކާއެކު 50،000(ފަންސާސް ހާސް ރުފިޔާ)ގެ އިނާމެއް ވަނީ ދީފައެވެ. އަދި ފައިސާ ޖަމާކުރަންދިޔަ އެކުންފުނީގެ ތިން މުވައްޒަފުންގެ ތެރެއިން ކޮންމެ މީހަކަށް 10,000 ރުފިޔާއާއި ހަނދާނީ ފިލަޔެއް ދިނެވެ.

މިކަމައްޓަކައި ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ސީޖީޓީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ރާފިޢު ބުނީ، މުޖްތަމާއުގައި ހުންނަ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ކޮންމެ މީހަކުވެސް ދިމާވާ ކަންކަމާއި ފަސްނުޖެހި ކެރިގެން ކުރިމަތިލުމަށް އެކުންފުނިން ހިތްވަރުދޭކަމަށެވެ. ވައްކަމާއި ފޭރުންފަދަ ކަންކަން ހުއްޓުވޭނީ އެންމެންވެސް މިފަދަ އެހިތްވަރު ދައްކައިގެންކަމަށެވެ.

"އެދުވަހުވެސް އަޅުގަނޑަށް ފެނުނު މަންޒަރަކީ އެންމެން ދުވީ ދުރަށް. އެ ހިފަހައްޓަން މަސައްކަތްކުރި ނަމަ އެހަތަރު މީހުންވެސް އެދުވަހު ހިފެހެއްޓުނީސް. ރޯމާދުވާލު ވަރަށް އޯޕަންކޮށް ފެނުނުތަނެއް އެކަމަކު އެންމެދުވީ. ދެން އަޅުގަނޑު ހަމަ ފަށްފަށުން އަހްމަދު ޙަސަން މަނިކަށް ޝުކުރުޢަދާކުރަން އޭނާއެކުރި ހިތްވަރަށްޓަކައި، އެދުވަހު އޭނަ އެތާނެތްނަމަ އަޅުގަނޑުމެންގެ 4.2 މިލިޔަން ރުފިޔާ ހަމަ ގެއްލި ދިޔައީއޭ އަޅުގަނޑު ބުނާނީ" ޢަބްދުﷲ ރާފިޢު ބުންނެވެ.

ރޫޓް ފިހާރައިން ބޭންކަށް ޖަމާކުރުމަށް ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަންނަން އުޅުނު މައްސަލައިގައި ހިމެނޭ ހަތަރު މީހުން ހައްޔަރުކޮށް އެމީހުންގެ މަޢުލޫމާތު ފުލުހުން މިހާރުވަނީ ޢާންމުކޮށްފައެވެ.