ވިޔަފާރި

އައްޑޫގެ ގެސްޓް ހައުސްތަކަށް ފަތުރުވެރިން އަންނަން ފަށައިފި


ކޯވިޑްއަށް ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު، އައްޑޫގެ ގެސްޓްހައުސްތައް ރަސްމީކޮށް ހުޅުވައިފިއެވެ.

އައްޑޫގެ ގެސްޓްހައުސްތައް ރަސްމީކޮށް ހުޅުވާފައިވާއިރު، ފަތުރުވެރިންވެސް އައްޑޫއަށް މިހާރު ވަނީ އަންނަން ފަށާފައެވެ.

އައްޑޫގެ ގެސްޓްހައުސްތައް ހުޅުވާލުމާއެކު އައްޑޫގެ ގެސްޓްހައުސްއަށް އައި ފުރަތަމަ ފަތުރުވެރިޔާއަކީ ޕޯޗުގަލްއަށް ނިސްބަތްވާ މީހެކެވެ. އައްޑޫގައި ގެސްޓް ހައުސް އަކަށް ފަތުރުވެރިން ގެނައުމަށް ފުރަތަމަ ހުއްދަ ދެވުނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު މަރަދޫ-ފޭދޫގައި ހުންނަ ވޭވް ސައުންޑް ބައި ތްރީ އެސް މޯލްޑިވްސްއަށެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވޭވް ސައުންޑްއިން ބުނީ އެންމެ ފުރަތަމަ އައި ސްޕްލިޓް ސްޓޭ ފަތުރުވެރިއެއް ކަމަށެވެ. އޭނާ އަކީ ޕޯޗުގަލްއަށް ނިސްބަތްވާ މީހެއް ކަމަށާއި، އޭނާ މީގެ ކުރީން ރާއްޖޭގައި ހުރީ ސަފާރީއެއްގައިކަމަށް ގެސްޓް ހައުސްއިން މައުލޫމާތުދެއެވެ.

ގެސްޓްހައުސްއަށް ހުއްދަ ލިބުމާއިއެކު، އެޗްޕީއޭގެ ގައިޑްލައިންއަށް ފުރިހަމައަށް ޢަމަލު ކުރަމުންދާކަމަށް ވޭވް ސައުންޑް އިން ވަނީ ބުނެފައެވެ. ތްރީ އެސް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ރަޝީދު ވިދާޅުވީ، ބުކިންގ ހުޅުވާލުމާއެކު ބުކިން އިންކުއަރީ ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް މިވަގުތު އޮތް އެންމެ ބޮޑު ޗެލެންޖަކީ ކަނެކްޓިންގ ފްލައިޓް ނެތުންކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން މިހާރު އޮންނަ ގޮތުން ބައެއް ފަހަރު 8 ގަޑިއިރަކަށްވުރެ ގިނައިރު އެއާޕޯޓުގައި މަޑުކުރަން ޖެހެއެވެ. އެހެން ކަމުން ގިނަ ބުކިން އިންކުއަރީތަކެއް އައި ނަމަވެސް ދަތިތައް ހުރުމުން ބައެއް ފަހަރު ކެންސަލްވާކަން އޭނާ ފާހަގަކުރިއެވެ.

ކޯވިޑް-19އިގެ ހާލަތަށް ފަހު ގެސްޓް ހައުސްތަށް ހުޅުވުމުގެ ހުއްދަ ލިބުމާއެކު އައްޑޫގެ 2 ގެސްޓްހައުސްއަކަށް މިހާތަނަށް ވަނީ ހުއްދަ ދީފައެވެ. އެއީ މަރަދޫ-ފޭދޫގެ 3 އެސް ވޭވް ސައުންޑް އަށާއި، ފޭދޫގެ އިކުއިޓޯރިއަލް ޑައިވާސް ލޮޖް އަށެވެ. މީގެ އިތުރުން ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖަށް ވެސް ފަތުރުވެރިން ގެނައުމުގެ ހުއްދަ ވަނީ ދީފައެވެ.