ކުޅިވަރު

އާސެނަލްއިން މެންޗެސްޓާ ޔުނައިޓެޑް އެޓީމްގެ އަމިއްލަ ދަނޑުގައި ބަލިކޮށްފި


14އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާސެނަލްއިން މެންޗެސްޓާ ޔުނައިޓެޑް އެޓީމްގެ އަމިއްލަ ދަނޑުގައި ބަލިކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއިން މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗް ފެށިގެން އާސެނަލްއިންދިޔައީ ރަގަނޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް މާ އެދެވޭ ހަމަލާއެއް އާސެނަލްއަށް ޔުނައިޓަޑްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗްގެ ފުރަތަމަ ހާފްގައި އާސެނަލްއަށް ގޯލެއް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ވިލިއަން އަދި އަރައި ބުކާޔޯ ސަކާއަށެވެ.

ވިލިއަން ޖެހި ބޯޅަ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް ދިޔައިރު، ބުކާޔޯ ސަކާ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ. މެޗްގައި އާސެނަލްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ ދެވަނަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޕިއޭ އެމްރިކް އޮބާމަޔަންއެވެ. މިއީ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އޭރިއާ ތެރެއިން އާސެނަލްގެ ހެކްޓަ ބެލެރިން އަށް ކުރި ފައުލްއަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މިބައްޔާއެކު އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ޔުނައިޓެޑްވަނީ ބަލިވެފައެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެގަނަ ސޯލްޝެއާ ބުނީ މެޗުން ބަލިވީ މެޗްގެ ފެށުން ގޯސްވުމުންކަމަށާއި މިއަށްވުރެއް ބޮޑަށް ކުޅުންތެރިން ސަމާލުވާންޖެހޭކަމަށެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މެޗްއިން މޮޅުވުމުން ޓީމްގެ ކުޅުންތެރިންގެ ކޮންފިޑެންސަށް ވަރަށް ރަގަނޅު ބަދަލުތަކެއް އަންނާނެކަމަށާއި ކޮންމެ ދަނޑެއްގައިވެސް މޮޅުވެވޭނެކަން މިހާރު ކުޅުންތެެރިންނަށް ޔަގީންވާނެކަމަށް އާޓެޓާ ބުނުންޏެވެ.